40 އަހަރަށްފަހު ޕެރޫން ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފި

ޕެރޫއާއި އޮސްޓްރޭލިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސާޅީސް އަހަރަށްފަހު ޕެރޫން ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް "ސީ"ގައި މިރޭ ކުޅުނު މެޗުގައި ޕެރޫން އޮސްޓްރޭލިއާ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވި ނަމަވެސް ޕެރޫ ދެވަނަ ބުރަށް ގޮސްފައި ނުވާ އިރު، އެ ގްރޫޕުން ދެވަނަ ބުރަށް ދިޔައީ ފްރާންސާއި ޑެންމާކެވެ.

ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބުނު އިރު، ޑެންމާކު ގަދަ 16އަށް ދިޔައީ ދެވަނަ ޓީމުގެ ގޮތުގައެވެ. މިރޭގެ މެޗަށް ނުކުތް އިރު އޮސްޓްރޭލިއާއަށް ގަދަ 16ގެ ފުރުސަތު އޮތެވެ.

ޕެރޫއާއި އޮސްޓްރޭލިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަހަރުގެ ވޯލްޑް ކަޕަށް ޕެރޫ ކޮލިފައިވެފައި ވަނީ 36 އަހަރަށްފަހުގައެވެ. މީގެ ކުރިން އެންމެފަހުން ޕެރޫއަށް ވޯލްޑް ކަޕްގައި މޮޅުވެވިފައި ވަނީ 1978 ވަނަ އަހަރު ޖޫން 11 ވަނަ ދުވަހު އިރާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ޕެރޫން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި މޮޅަށް ކުޅެ، ޑެންމާކު އަތުން 1-0ގެ ނަތީޖާއަކުން ބަލިވި ޕެރޫ ވަނީ ވަރުގަދަ ފްރާންސަށްވެސް "ފައިޓެއް" ދީފައެވެ. އެ މެޗުންވެސް ޕެރޫ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ވަރުގަދަކޮށް ފެށި ޕެރޫން މެޗުގައި ލީޑު ނެގީ 18 ވަނަ މިނެޓުގައެވެ. އަންދްރޭ ކަރޭއޯއަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތު އޭނާ ނިންމާލީ އިތުބާރާއެކުގައެވެ.

ޕެރޫގެ ގޯލަށްފަހު އޮސްޓްރޭލިއާއިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހުނެވެ. މެތިއު ލެކީގެ ހަމަލާ ޕެރޫގެ ވަރުގަދަ ޑިފެންޑަރު އެންޑަސަން ސަންޓަމާރީއާ ބްލޮކްކޮށް ބޭރުކޮށްލި އިރު، މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ފެނުނު ކުޅުން ފާހަގަކޮށްލެވުނެވެ.

ޕެރޫއާއި އޮސްޓްރޭލިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފް ޕެރޫން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްވެސް ޕެރޫން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ޕެރޫން ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. ޕެރޫއަށް ގޯލް ޖަހައިދިނީ މިހާތަނަށް އެގައުމުގެ ގައުމީ ޓީމަށް އެންމެ ގިނައިން ގޯލް ޖަހައިދީފައިވާ ކެޕްޓަން ޕައުލޯ ގަރޭރޯއެވެ.

ވޯލްޑް ކަޕްގެ ކުރިން ގިނަ ބައެއްގެ ލޯތައް އަމާޒުވި ޕައުލޯ ގަރޭރޯ، މުބާރާތް ފެށެން ކުޑަ ދުވަސްކޮޅެއް ކުރިންވެސް ހުރީ ސަސްޕެންޝަނުގައެވެ. ގަރޭރޯ ފުޓުބޯޅައިން 14 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ހުކުމް ކުރީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގައި އޭނާ ކޮކޭންއަށް ޕޮޒިޓިވްވި މައްސަލައިގައެވެ. ގަރޭރޯ ކޮކޭންއަށް ޕޮސިޓިވްވެފައި ވަނީ އެގައުމުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނެގި ސާމްޕަލަކުން ހެދި ޓެސްޓްތަކުންނެވެ.

ފީފާއިން ފުރަތަމަ އޭނާ ސަސްޕެންޑް ކުރީ 12 މަހަށެވެ. އޭގެ ފަހުން ގަރޭރޯގެ ސަސްޕެންޝަން ފީފާއިން ހަ މަހަށް ކުޑަކޮށްދިން އިރު، ހަ މަހުގެ ސަސްޕެންޝަން ނިމުނުތާ ދެ ހަފްތާ ފަހުން ގަރޭރޯއަށް އިތުރު 14 މަހުގެ ސަސްޕެންޝަނެއް އައީ ވޯލްޑް އެންޓި ޑޯޕިން އޭޖެންސީން އޭނާގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅުމުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ޕެރޫގެ ކެޕްޓަން ގަރޭރޯގެ ސަސްޕެންޝަން ފީފާއިން އުވާލައިފައިވާ އިރު، ޕެރޫ ހިމެނޭ ގްރޫޕް ސީގެ އަނެއް ތިން ޓީމުގެ ކެޕްޓަނުންވެސް ވަނީ ގަރޭރޯގެ ސަސްޕެންޝަން އުވާލައި ދިނުމަށް ފީފާގައި އެދިފައެވެ.

ޕެރޫއާއި އޮސްޓްރޭލިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗުގައި މޮޅަށް ކުޅެމުން ދިޔަ ޕެރޫއަށް މެޗުގެ ނަތީޖާ 3-0އަކަށް ބަދަލުކޮށްލުމަށްވެސް ވަނީ ފުރުސަތު ލިބިފައެވެ. އެގޮތުން ކްރިސްޓިއަން ކުއީވާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ގޯލްގެ ދަނޑިއަށެވެ.

ގްރޫޕް ސީގައި މިރޭ ކުޅުނު އަނެއް މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

comment ކޮމެންޓް