ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި މިއަދު ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބަލިވެ، ކްލަބު ވެލެންސިއާއަށް ރެލިގޭޓް ވުމުގެ ބިރު ހީވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ލީގު އޮނިގަނޑަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު މިއަހަރުގެ ފުރަތަމަ ޑިވިޝަން ރެލިގޭޝަން ޕްލޭ އޯފްގައި ކުޅުމަށް ހަމަޖެހިފައި އޮތީ މާލޭ ލީގުގެ ހަތް ވަނަ އަދި އަށްވަނަ ޓީމާއެކު ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމު، ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ޖޭޖޭ ސްޕޯޓްސް ކްލަބުން ޕްލޭ އޯފްގައި ނުކުޅެ ދޫކޮށްލި އިރު، މިއަހަރުގެ ޕްލޭ އޯފްގައި ކުޅޭނީ ވެލެންސިއާއާއި ޔޫވީ ވާދަކުރާ ދެ ލެގެވެ.
މިއަދު ކުޅުނު ފުރަތަމަ ލެގުގައި ޔޫވީން 2-0ގެ އެގްރިގޭޓް ލީޑެއް ނަގައިފައި އޮތް އިރު، އަންނަ އާދީއްތަ ދުވަހު ކުޅޭ ދެވަނަ ލެގުގައި ވެލެންސިއާއަށް ތިން ގޯލްގެ ތަފާތަކުން މޮޅުވާން އޮތީ މަޖުބޫރު ވެފައެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ 10 މިނެޓުގައި ވެލެންސިއާއިން ރަނގަޅަށް ކުޅެފައިވާ އިރު، މެޗުގެ ނުވަވަނަ މިނެޓުގައި ވެލެންސިއާގެ ބިދޭސީ ފޯވަޑް ސާގީ ޑްރީގާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ވެލެންސިއާއިން ވަރުގަދަކޮށް ފެށި ނަމަވެސް، ޔޫވީން ވަނީ ހާފްގެ ބާކީ ބައިގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ވެލެންސިއާ އޭރިއާގެ ވާތް ފަޅިން ޔޫވީގެ ޑިފެންޑަރު އަރުތޫރު މުލަޑްޒަނޯވް ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލީ އަލީ ހައިޝަމް (ޗުމްޕު)އެވެ.
މީގެ ކުރިންވެސް ޔޫވީއަށް ކުޅެފައިވާ ކްރޮއޭޝިއާގެ ފޯވާޑް ކެރިކް އަންދްރޭޖް، ރެލިގޭޝަން ޕްލޭއޯފްއަށް އަނެއްކާވެސް އެޓީމަށް ގެނެސްފައިވާ އިރު، މިއަދުގެ މެޗުގެ ފުރަތަމަ 11އިން އޭނާ ފެނިގެންދިޔައެވެ. ކެރިކް ވަނީ ކުރިން ޔޫވީއާއި މާޒިޔާއަށްވެސް ކުޅެފައެވެ.
ޔޫވީގެ ގޯލަށްފަހު ދެ ޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 35 ވަނަ މިނެޓުގައި ވެލެންސިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަންސަރު އިބްރާހީން (އަންކޮ)އަށް ލިބުނު އެ ފުރުސަތުގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ހަސަން ތޮލާލެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ޔޫވީއަށް ނަތީޖާ ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ޝިފާން އަތުން ހެދުނު ގޯހަކާއެކު ކެރިކަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، ވެލެންސިއާ ކީޕަރު ޖުން ކޮޗީ ނައްޓާލުމަށް އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ ބާރަށް ބޭރަށެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ވެލެންސިއާގެ އިތުރު ހަމަލާއެއް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން ރިޝީމް ވަލޭރީ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޔޫވީގެ ގޯލްކީޕަރު ތޮލާލެވެ. އަދި އޭގެ ދެ މިނެޓްފަހުން އަނެއްކާވެސް ވެލެންސިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. މިފަހަރު ޕެނެލްޓީ އޭރިއާ ތެރެއިން މުހައްމަދު ސުހައިލް ފޮނުވާލި ހަމަލާ ގޯލްކީޕަރު ތޮލާލް އަތުގައި ޖެހިފައި ބޭރުވީ ގޯލްގެ ދަނޑީގައިވެސް ޖެހިފައެވެ.
އޭގެފަހުންވެސް ވެލެންސިއާއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. އަންކޮއަށް ލިބުނު އެ ހަމަލާވެސް ދިފާއުކުރީ ކީޕަރު ތޮލާލެވެ. ވެލެންސިއާގެ ހަމަލާތަކުގެ ބޭނުން ނުކުރެވުމުގެ ފައިދާ ނަގާ ޔޫވީން ކުޅުން ރަނގަޅުކުރިއެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޔޫވީގެ ފޯވަޑް ސެމިއުލް ކޯޑޭލް ފޮނުވާލި ހަމަލާވެސް ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، މެޗު ނިމެން ދަނިކޮށް ޔޫވީއަށް ނަތީޖާ ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަފީނިއާއެވެ.
މެޗުން މޮޅުވެ ޔޫވީން އުންމީދު ބޮޑުކޮށްފައިވާ އިރު، އަނެއް ލެގު އޮންނާނީ އަންނަ އާދީއްތަ ދުވަހުގައެވެ.