އިންޓަ މިލާން އިން ނައިންގޮލާންގެ ސޮއި ހޯދައިފި

އިންޓަ މިލާންގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން --- ފޮޓޯ/ އޭޕީ

އޭއެސް ރޯމާއަށް ކުޅުމުންދާ ބެލްޖިއަމްގެ މިޑްފީލްޑަރު ރަޖާ ނައިގޮލާން އިންޓަ މިލާނަށް ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ނައިގޮލާން އިންޓަ މިލާނަށް ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނައިންގޮލާންގެ އަގު 33 މިލިއަން ޕައުންޑަށް އަރާ އިރު، އިންޓައިން ރޯމާއަށް ދައްކާނީ 21 މިލިއަން ޕައުންޑެވެ. އަދި 21 މިލިއަން ޕައުންޑާ އެކު އިންޓަގެ ޑިފެންޑަރު ސެންޓޮންއާއި މިޑްފީލްޑަރު ޒަނިއޯލާވެސް ރޯމާއަށް ދިނުމަށް ކްލަބުން ވަނީ ނިންމައިފަ އެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ނައިގޮލާންއަށް މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބުމުން އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ.

ނައިންގޮލާން ރޯމާއާ ގުޅުނީ 2014 ވަނަ އަހަރުގަ އެވެ. އޭނާ މިދިޔަ ހޫނު މޫސުމުގައި ރޯމާގެ ކޮންޓްރެކްޓް އާކޮށްފައިވާ އިރު، ނައިންގޮލާން ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ރޯމާއާ އެކު ދަތުރުކޮށްފަ އެވެ.

މީޑިއާތައް ބުނެފައިވާ ގޮތުން ނައެންގޮލާން ނެތްތައް ފޫބެއްދުމަށް ރޯމާއިން ޕީއެސްޖީގެ ހާވިއާ ޕަސްޓޯރޭއާ ވާހަކަ ދައްކަމުންދެ އެވެ. އަދި އަންނަ ހަފްތާ ތެރޭގައި އެ ޓްރާންސްފާ ނިންމުމަށް ރޯމާ އިން ތައްޔާރުވަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ނައިންގޮލާންއަކީ މިދިޔަ ދެތިން ސީޒަންގައި ރޯމާއަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. ހާއްސަކޮށް އޭނާ ފާހަގަކޮށްލެވެނީ މެދުތެރެއިން އެޓޭކްތައް ހުއްޓުވުމާއި އެޓޭކް އުފެއްދުމަށް ވެސް ކުޅަދާނަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް