މި ސަރައްހަދުގައިވެސް ވޮލީ ބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އާލާ 19 ވަނަ އިންޓަ ރިސޯޓް ވޮލީ ބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު، އިއްޔެ ބަންޑޮސް އައިލެންޑްގައި ކުރިއަށް ގެންގޮސްފައިވާ އިރު، ލަތީފް އެހެން ވިދާޅުވީ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ލަތީފް ވިދާޅުވީ ވޮލީބޯޅަ ކުރިއެރުވުމަށް ސަރުކާރުން ނުހަނު ބޮޑު ހޭދައެއް ކުރައްވަމުންދާ ކަމަށާއި، މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްގެން ވޮލީގެ ކުރިމަގަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ގައުމު ކަމަށެވެ.
ލަތީފް ވިދާޅުވީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ވޮލީބޯޅަ އެސޯސިއޭޝަނުން ނުހަނު އިސްކަމެއް ދީގެން ބާއްވަމުންދާ މުބާރާތެއް ކަމަށާއި، މުބާރާތް ބޭއްވުމުގައި ރިސޯޓްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަކީ މުބާރާތުގެ ފޯރިގަދަ ކަމާއި ކާމިޔާބީގެ ސިއްރު ކަމަށެވެ. ލަތީފް ވިދާޅުވީގައި މިހާރު އިންޓަ ރިސޯޓު މުބާރާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުޅޭ އިރު، މުބާރާތް މިހާރަށްވުރެ ފޯރިގަދަ ކުރުމަކީ އެސޯސިއޭޝަންގެ ބޮޑު ވިސްނުމެއް ކަމަށެވެ.

ބަންޑޮހުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންޓަ ރިސޯޓު ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް
އިތުރަށް ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ހުރިހާ މުބާރާތްތައް ބާއްވައި، ވޮލީބޯޅަ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރެވިގެން މިދަނީ ސަރުކާރުން ވަކިން ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައި ކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ކަނޑައެޅުމާއި، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކާއި، ތަމްރީނު ދަތުރުތައް ބޭއްވިގެންދަނީ ސަރުކާރުން ވޮލީއަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމެއްގެ ދަށުންކަން ލަތީފް ފާހަގަކުރެއްވިއެވެ.

ބަންޑޮހުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންޓަ ރިސޯޓު ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް
މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 19 ރިސޯޓަކުން ވާދަކުރެއެވެ. މުބާރާތުގައި އިއްޔެ ކުޅުން ފަށައިފައިވަނީ ފުރަތަމަ ޒޯންގައެވެ. އެ ޒޯންގައި ހަތް ރިސޯޓަކުން ވާދަކޮށްފައިވެއެވެ.
މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބަންޑޮހުގައި ސަގާފީ ހަރަކާތްތަކާއެކު އިއްޔެ ކުރިއަށް ދިޔަ އިރު، މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރާއެކު ބަންޑޮހުގެ އިސް ބޭފުޅުންނާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.