"ބޭނުން ވަނީ މިރޭގެ މެޗަކީ މެސީ ވޯލްޑް ކަޕް ނިންމާލާ މެޗަށް ހަދަން"

ނައިޖީރިއާގެ ޑިފެންޑަރު ބްރައިން އިޑޯވޫ --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގެ ފަހު ދެމެޗު މިރޭ އޮންނާނެ އެވެ. މެޗަށް ނުކުންނަ އިރު، އެ ގްރޫޕުން ގަދަ 16 ޔަގީންވެފައި އޮތީ ކްރޮއޭޝިއާއަށެވެ. ކްރޮއޭޝިއާ ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެވަނާގައި ނައިޖީރީއާ އޮތީ ތިން ޕޮއިންޓާއެކުގަ އެވެ.

ގްރޫޕުގެ ހުރިހާ ޓީމަކަށް ވެސް ގަދަ 16ގެ ފުރުސަތު އޮތް އިރު، އެންމެ ގިނަބައެއްގެ ލޯތައް ހުއްޓުވާލާނީ އާޖެންޓީނާ އާއި ޓީމުގެ ތަރި ލިއޮނަލް މެސީއަށެވެ. އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑާ ދެކޮޅަށް ކުޅެ 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، ދެވަނަ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

އާޖެންޓީނާއަށް ގްރޫޕް ސްޓޭޖުން ކެޓުމުގެ ބޮޑު ފުރުސަތެއް އޮތް އިރު، މިރޭ ނައިޖީރިއާ ބަލިކޮށް، އައިސްލޭންޑަށް ކްރޮއޭޝިއާ ކައިރިން މޮޅު ނުވެ ވިއްޖެ ނަމަ އާޖެންޓީނާ ޔަގީންކޮށް ގަދަ 16އަށް ދާނެ އެވެ. އަދި އައިސްލޭންޑުން ކްރިއޭޝިއާ ބަލިކުރި ނަމަވެސް، ގޯލްގެ ތަފާތުން ވެސް އާޖެންޓީނާ ގަދަ 16އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

"މެޗުގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ މެސީއާ އާޖެންޓީނާ ކަޓުވާލުން. ފުޓުބޯޅައިގައި ނޯންނާނެ އޯގަތެރިވުމެއް. އެކަމަކު އިހުތިރާމް އޮންނާނެ. މެސީގެ ކުޅުމަކީ ބަލާ ފޫހިނުވާ ކުޅުމެއް ނަމަވެސް މިރޭގެ މެޗު އޭނާ މި ވޯލްޑް ކަޕްގައި ކުޅޭ ފަހު މެޗަށް ހަދަން ބޭނުމީ،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ނައިޖީރިއާގެ ޑިފެންޑަރު ބްރައިން އިޑޯވޫ ބުންޏެވެ.

އާޖެންޓީނާ އާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިޑޫވޯ ބުނީ މެސީއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް މެޗަށް އެރުމަށް ފަހު އެންމެ މުހިއްމު ކަމަކީ އޭނާ ހުއްޓުވުން ކަމަށެވެ. އާޖެންޓީނާ މިހާރު އޮތް ހާލަތަށް ބަލައި ނައިޖީރިއާއަށް އެކަން ވާނެ ކަމަށާއި މިރޭގެ މެޗަކީ ތާރީހު ބަދަލުކޮށްލާނެ މެޗަކަށް ހަދަން ކެތް މަދުވެފައިވާ ކަމަށް ވެސް އިޑޫވޯ ބުންޏެވެ.

އައިސްލޭންޑާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ ޕެނެލްޓީއެއް ނާކާމިޔާބުކޮށްލައިފައިވާ އިރު، އޭނާއަށް މިރޭގެ މެޗު ވެގެންދާނީ ކެރިއަރުގައި އެންމެ ޕްރެޝަރު ބޮޑު އެއް މެޗަށެވެ. މީގެ ކުރިން އާޖެންޓީނާ އިން ވަނީ ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ނައިޖީރިއާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައި އޮތީ އާޖެންޓީނާއިންނެވެ. ހާއްސަކޮށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ދެޓީމުން ކުޅުނު މެޗުގައި މެސީ ވަނީ ނައިޖީރިއާ ކޮޅަށް ދެ ގޯލް ޖަހައިފަ އެވެ.

comment ކޮމެންޓް