އިރާނުން ހިތްވަރު ކުރި ނަމަވެސް ޕޯޗުގަލް ގަދަ 16އަށް، ވީއޭއާރްގެ މެޗެއް!

ޕޯޗުގަލްއާއި އިރާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވީއޭއާރްގެ ތިން ނިންމުމެއް ފެނިގެންދިޔަ ގްރޫޕް ބީގައި އިރާނާއި ޕޯޗުގަލް ވާދަކުރި މެޗު، 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މޯޑިވިއޯ އެރީނާގައި މިރޭ ކުޅުނު ފީފާ ވޯލްޑް ކަޕްގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ދެޓީމުވެސް ކުޅުނީ މޮޅުވާށެވެ. ގަދަ 16އަށް ދެޓީމަށްވެސް އުންމީދު އޮތް އިރު، ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް އެ ހިތްވަރު ފެނިގެންދިޔައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުރަތަމަ ފުރުސަތު ލިބުނީ ޖާއޯ މާރިއޯއަށެވެ. އިރާންގެ ޑިފެންސް ތެރެއިން ހެދުނު ގޯހަކުން ލިބުނު ފުރުސަތުގައި މާރިއޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގައި އިރާން ޑިފެންސް ލައިނުން ވަރުގަދައަށް ކުޅެމުން ދިޔަ އިރު، ޕޯޗުގަލްއަށް އެޓޭކް އުފައްދަން މާބޮޑު ޖާގައެއް ދީފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މެޗުގެ ފުރަތަމަ ހާފް ވެގެންދިޔައީ ނުތަނަވަސްކަން ކުރިމަތިވި ހާފަކަށެވެ.

މެޗުގެ 30 ވަނަ މިނެޓުގައި އަލީރެޒާ ޖަހަންބާޚް ނަގައިދިން ހިލޭ ޖެހުމަށް ސައީދު އެޒޮތޮލާހީ އޭރިއާ ތެރެއަށް ވަދެ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް އޭނާގެ ހަމަލާ ދިޔައީ ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ އަތަށެވެ. މެޗުގައި ރޮނާލްޑޯއަށް ފުރަތަމަ ފުރުސަތު ލިބުނީ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ދިމަލަށް ދިޔަ ނަމަވެސް އިރާންގެ ގޯލްކީޕަރު އަލީ ބެއިރެންވާޑް ވަނީ އެ ހަމަލާ ފަސޭހަކަމާއެކު މަތަކޮށްފައެވެ.

ހާފްގެ އެންމެ ފަހު މިނެޓުގައި ޕޯޗުގަލްއިން އިރާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލިއެވެ. އޭރިއާ ތެރެއަށްވަދެ ފައިގެ ބޭރު ފަޅިން ރިކާޑޯ ކަރެޝްމާ ގޯލްގެ ކަނަށް އޮޅާލި ބޯޅައަށް އިރާން ކީޕަރު އަލީއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ގޯލާއެކު ޕޯޗުގަލްއިން އުންމީދާއެކު ހާފް ނިންމާލިއެވެ.

ޕޯޗުގަލްއާއި އިރާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފް ވެގެންދިޔައީ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ހާފަކަށެވެ. ހާއްސަކޮށް ތިން ފަހަރެއްގެ މަތިން ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ގޮތް ނިންމައިފައެވެ. އަދި މިމެޗަށްދިޔަ އިރު، މިހާތަނަށް މުބާރާތުގައި ހަތަރު ގޯލް ޖަހައިފައިވާ ރޮނާލްޑޯ ވަނީ އެ ހާފްގައި ޕެނެލްޓީއެއްވެސް ނާކާމިޔާބުކޮށްލައިފައެވެ.

މެޗުން ބަލިވާން ދިޔަ ނަމަވެސް އިރާންގެ ހިތްވަރު ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް މެޗުގެ ފަހު 15 ވަރަކަށް މިނެޓް ތެރޭގައި އިރާނުން ވަނީ ޕޯޗުގަލްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. ހާފްގެ ކުރީ ކޮޅުގައި ރޮނާލްޑޯ، އިރާންގެ ދެ ކުޅުން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަނުމުން އޭނާއަށް ހުރަސް އެޅި ޑިފެންޑަރު ފައިގައި ޖެހިފައި ރޮނާލްޑޯ ވެއްޓުނެވެ.

ފުރަތަމަ ފަހަރު ރެފްރީ ޕެނެލްޓީ ނުދިން ނަމަވެސް ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ވަނީ ޕެނެލްޓީ ދީފައެވެ. ޕޯޗުގަލްއަށް ގަދަ 16 ޔަގީން ކޮށްލަން ލިބުނު ފުރުސަތުގައި ރޮނާލްޑޯ ޖެހި ޕެނެލްޓީ ދިފާއުކުރީ އިރާންގެ ކީޕަރު އަލީއެވެ.

ޕޯޗުގަލްއާއި އިރާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޕެނެލްޓީ ނުވަނުމާއެކު ޕޯޗުގަލް އިތުރަށް ޕްރެޝަރުވިއެވެ. ހާއްސަކޮށް ރޮނާލްޑޯގެ މާޔޫސްކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ރޮނާލްޑޯގެ އިތުރު ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، އިރާންގެ ތަރި ސަރުދާ އަޒުމަންއަށް ލިބުނު ފުރުސަތު އޭނާވެސް ނަގާލިއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ރޮނާލްޑޯ، އިރާންގެ ކުޅުންތެރިއެއް ގައިގައި ބޯޅަ ނެތި ޖެހުމުން ރެފްރީ ކުޅުން ހުއްޓުމަށްފަހު ވީއޭއާރް ރިވިއުކުރިއެވެ. ރޮނާލްޑޯގެ އުޅަބޮށިން އިރާންގެ ކުޅުންތެރިއާގެ މޫނަށް ހަމަލާދިންތަން ފެނުނު ނަމަވެސް ރެފްރީ ނިންމީ ރަތްކާޑު ދައްކާ ވަރުގެ ފައުލެއް ނޫން ކަމަށެވެ. ރީނދޫ ކާޑަކާއެކު ރޮނާލްޑޯ ސަލާމަތްވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ހަ މިނެޓްގެ ކުޅުން ދެއްކި އިރު، އިތުރު ވަގުތު ތިން ވަނަ މިނެޓުގައި އިރާނަށް ޕެނެލްޓީއެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރި އަޒުމަން ބޮލުގައި ޖެހިފައި ދިޔަ ބޯޅަ ޕޯޗުގަލް ޑިފެންޑަރު ސެޑްރިކް ސޮއަރޭސް އަތުގައި ޖެހުނު ނަމަވެސް ރެފްރީއަށް އެ މަންޒަރު ނުފެނުނެވެ. ރެފްރީ ޕެނެލްޓީ ދިނީ ކުޅުން ހުއްޓުމަށްފަހު ވީއޭއާރް ރިވިއުއަށްފަހުގައެވެ.

ދެވަނަ ހާފްގައި ކުޅެން ނުކުތް ކަރިމް އަންސަރީފާދްގެ ޕެނެލްޓީ ސީދާ މަތީ ކަނަށް އަމާޒު ކޮށް، އިރާނަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އިރާނަށް ވަނީ ޕޯޗުގަލް ކަޓުވާލާނެ ފުރުސަތެއް ލިބިފައެވެ. އޭރު ގްރޫޕް ބީގައި ސަޕެއިންއާ މޮރޮކޯ ވާދަކުރާ މެޗު އޮތީ 2-2ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ޕޯޗުގަލް އޭރިއާ ތެރެއިން މެހެދީ ތަރޭމީއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ޕޯޗުގަލްއާއި އިރާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ ގްރޫޕް ބީގެ އެއްވަނަ ސްޕެއިންއަށް ލިބޭ އިރު، ދެވަނަ ލިބެނީ ޕޯޗުގަލްއަށެވެ. ދެޓީމަށްވެސް ޕޮއިންޓާއި ފައިދާ ގޯލް އެއްވަރުވެފައި އޮތުމުން ސްޕެއިންއަށް އެއްވަނަ ލިބެނީ ޖެހި ގޯލުންނެވެ.

ގަދަ 16ގައި ޕޯޗުގަލްއިން ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ އުރުގުއޭއާއެވެ. އެ މެޗު އޮންނާނީ ޖޫން 30 ވަނަ ދުވަހު ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް