މޮރޮކޯ އަތުން ޕޮއިންޓެއް ހޯދައިގެން ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސްޕެއިން ގަދަ 16އަށް

ފީފާ ވޯލްޑް ކަޕްގައި ސްޕެއިނާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

ފަހު ވަގުތު ޖެހި ލަނޑާއެކު މޮރޮކޯ އަތުން ޕޮއިންޓެއް ހޯދައިގެން ވޯލްޑް ކަޕް 'ގްރޫޕް ބީ'ގެ އެއްވަނައިގެ ގޮތުގައި ސްޕެއިނުން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ކަލިނިންގްރޭޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި މޮރޮކޯ އަތުން ސްޕެއިން މޮޅުވީ 2-2ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި އީރާން އަތުން ޕޮއިންޓެއް ހޯދައިގެން ދެވަނައިގެ ގޮތުގައި ޕޯޗުގަލުން ވެސް ވަނީ ގަދަ 16ގެ ޖާގައެއް ހޯދައިފައެވެ. އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގައި ސްޕެއިނާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

ގްރޫޕް ބީގެ އެއްވަނައިގައި ނިންމާލި ސްޕެއިންއާއި ދެވަނައިގައި ނިންމާލި ޕޯޗުގަލަށް ވެސް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ސްޕެއިނަށް ގްރޫޕުގެ އެއްވަނަ ލިބެނީ ޖެހި ގޯލުންނެވެ. ތިންވަނައިގައި ނިންމާލި އީރާނަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި ނިންމާލި މޮރޮކޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ސްޕެއިންގެ ފަރާތުން މިރޭގެ މެޗުގައި ވެސް ފެނިގެންދިޔައީ އެޓީމުން އަބަދުވެސް ކުޅެމުންދާ އެޓޭކިން ގޭމެވެ. ސްޕެއިނުން ރީތި ކުޅުމެއް ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މޮރޮކޯއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ސްޕެއިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މޮރޮކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހާލިދް ބޫތޮއިބްއެވެ.

މޮރޮކޯއަށް މާގިނަރުތަކެއް ވަންދެން ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. އެ ލަނޑު ޖެހިތާ ފަސް މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަންދްރޭސް އިނިއެސްޓާ ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް ލީޑު ހޯދުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ހާފް ނިމެނިކޮށް ސާޖިއޯ ބުސްކެޓްސްއާއި ޑިއޭގޯ ކޮސްޓާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާވެސް މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގައި ސްޕެއިނާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

މެޗުގައި މޮރޮކޯއިން ދެވަނަ ފަހަރަށް ލީޑު ހޯދުމުގެ ކުރިން ސްޕެއިން އަދި މޮރޮކޯއަށް ވެސް ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މޮރޮކޯގެ ނޯޑިން އަމްރަބާތު ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވި އިރު، ސްޕެއިންގެ އިސްކޯއާއި ޖެރާޑް ޕީކޭއަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މޮރޮކޯއިން އަލުން ލީޑު ހޯދީ މެޗުގެ 81 ވަނަ މިނެޓުގައެވެ. ފޭކަލް ފަޖްރު ނަގައިދިން ހުރަހަކުން މޮރޮކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ މަލާގާއަށް ކުޅެމުންދާ ފޯވަޑް ޔޫސުފް އެން ނެސީރީއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ގޯލުގެ މަތީ ކަނަކަށެވެ.

ސްޕެއިނުން ޕޮއިންޓެއް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ފޯވަޑް އިއާގޯ އަސްޕާސްއެވެ.

ގަދަ 16ގައި އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ސްޕެއިން ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ރަޝިއާއާ ދެކޮޅަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ކުޅޭ މެޗުގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އުރުގުއާއީއާ ދެކޮޅަށެވެ.

comment ކޮމެންޓް