އާލާ 19 ވަނަ އިންޓަ ރިސޯޓު ވޮލީ ބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 19 ރިސޯޓަކުން ވާދަކުރެއެވެ.
މިއަދު ކުޅުން ފަށައިފައިވަނީ ފުރަތަމަ ޒޯންގައެވެ. އެ ޒޯންގެ މެޗުތައް ބަންޑޮސް އައިލެންޑް ރެސޯޓާއި ރީތި ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މިއަދު ވަނީ ދެ މެޗު ކުރިއަށް ގެންގޮސްފައެވެ.
މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބަންޑޮހުގައި ސަގާފީ ހަރަކާތްތަކާއެކު މިއަދު ކުރިއަށް ދިޔަ އިރު، މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރާއެކު ބަންޑޮހުގެ އިސް ބޭފުޅުންނާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ އިންޓަ ރިސޯޓު މުބާރާތަކީ ވޮލީއަށް ގިނަ ތަރިންތަކެއް ގެނެސްދޭ މުބާރާތެއް ކަމަށާއި، މިފަހަރުގެ މުބާރާތްވެސް ފޯރި ގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އިންޓަ ރިސޯޓު މުބާރާތް ބޭއްވުމުގައި ރިސޯޓުތަކުން ދެއްވާ އެއްބާރުލުމަށް ލަތީފު ޝުކުރު އަދާކުރައްވާފައިވެެއެވެ.
މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގައި އެކިއެކި ރިސޯޓުތަކަށް ބޭރުން ގެންދާ ކުޅުންތެރިންގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުޅޭ އިރު، އެ ކުޅުންތެރިން ނަމޫނާ ދެއްކެވުމަށްވެސް ލަތީފު ވަނީ ވިދާޅުވެފައެވެ.
ޒޯން އެކެއްގައި ހަތް ރިސޯޓެއް ވާދަކުރާ އިރު، މިއަދު ބަންޑޮހުގައި ކުޅުނު މެޗުގައި ވާދަކުރީ ބަންޑޮހާއި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާއެވެ. އެ މެޗު ތިން ސެޓު އެއް ސެޓުން ގެންދިޔައީ ބަންޑޮހެވެ.
މެޗުގެ ފުރަތަމަ ސެޓު ބަންޑޮހުން 15-25އިން ގެންދިޔަ އިރު، އެޓީމަށް ކުޅެމުންދިޔަ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)އާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ)ގެ ކުޅުން ފާހަގަކޮށްލެވުނެވެ. ބަންޑޮހުން ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި މީރު އައިލެންޑުން ވަނީ ކުޅުން ރަނގަޅުކޮށް، 23-25 އިން ސެޓު ގެންގޮސްފައެވެ.
ދެވަނަ ސެޓު މީރު އައިލެންޑުން ގެންދިޔަ ނަމަވެސް ބަންޑޮހުން އަނެއް ދެ ސެޓުވެސް ގެންދިޔައީ ފަސޭހަކަމާއެކުގައެވެ. އެގޮތުން އެޓީމުން ސެޓުތައް ގެންދިޔައީ 25-21 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަންޑޮހުގެ ލޯންގޭއެވެ.
މިއަދު ރީތި ރަށުގައި ކުޅުނު މެޗުގައި ވާދަކުރި ރީތި ރަށާއި ކުރުނބާ މޯލްޑިވްސްއެވެ. އެ މެޗު ސީދާ ތިން ސެޓުން ގެންދިޔައީ ވަން އެންޑް އޮންލީ ރީތި ރަށެވެ. މެޗުގެ ސެޓުތައް ރީތި ރަށުން ގެންދިޔައީ 25-16، 25-18 އަދި 25-17 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަން އެންޑް އޮންލީ ރީތި ރަށުގެ އަލީ މައުރޫފް (މާއްޓޭ) އެވެ.
އިންޓަ ރިސޯޓު ވޮލީ މުބާރާތުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ބަންޑޮހުގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ޝެރެޓަން މޯލްޑިވްސް ފުލް މޫން އެންޑް ސްޕާއެވެ. ވަން އެންޑް އޮންލީ ރީތި ރަށުގައި އޮންނަ މެޗުގައި ވާދަކުރާނީ ކުރުނބާ މޯލްޑިވްސްއާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާއެވެ.