އިނގިރޭސިން އަޑީގައި ތިބެގެން ދެކުނުގައި ގާއިމް ކުރި "އެކުވެރި ސުވަދީބު ޖުމްހޫރިއްޔާ" ގެ ހާދިސާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް މިރޭ ނެރެފިއެވެ.
''އައްޑޫ ރަދުން'' ގެ ނަމުގައި ސީނާ ޒާހިރު ލިޔުއްވި ފޮތް ނެރެދެއްވީ މިރޭ އާޓް ގެލަރީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ފޮތް ނެރެދެއްވީ ޒާހިރުގެ ކާފަ ދެ ދަރިކަނބަލުންނެވެ.
މިރޭގެ ރަސްމިއްޔާތަށްފަހު ޒާހިރު "ސަން" އަށް ވިދާޅުވީ އެ ފޮތުގައި ހުރި ވާހަކަތަކަކީ 1980 ގެ އަހަރުތަކުގެ ތެރޭގައި ޒާހިރު ނެރުއްވި ހަފުތާ މަޖައްލާ " ހަފުތާ ހަބަރު" ގައި ސީރީސްއެއްގެ ގޮތުގައި ގެނެސްދިން ރިޕޯޓްތަކެއް ކަމަށެވެ.
ޒާހިރު ވިދާޅުވީ، އެ މަޖައްލާގައި ހުރި ވާހަކަތައް ފޮތެއްގެ ސިފައިގައި ނެރުނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީއާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފޮތަކީ ސުވަދީބުގެ އިސް ލާޑަރު އަބްދުﷲ އަފީފް ދީދީ ދެއްވި އިންޓަވިއުތަކަށް ބިނާކޮށް ލިޔެފައިވާ ފޮތެއް ކަމަށެވެ.
އެ ފޮތުގައި ސުވާދީބުގެ ހާދިސާ މުޅިންވެސް ގެނެސްދީފައިވަނީ އަފީފްގެ "ސައިޑުން'' ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. ޒާހިރު ވަނީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ސީޝެލްސް އަށް ވަޑައިގެން އަފީފްއާ ސީދާ ބައްދަލުކުރައްވައި ސުވަދީބްގެ ހާދިސާގެ މައުލޫމާތު ހޯއްދަވައިފައެވެ.
އެ ފޮތް ހޮނިހިދު ދުވަހުން ފެށިގެން އަސްރަފީ ބުކްޝޮޕުން ލިބެން ހުންނާނެ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. ފޮތުގެ އަގަކީ 150 ރުފިޔާއެވެ.
ޒާހިރު ވަނީ މީގެ ކުރިންވެސް ދެ ފޮތެއް ނެރެފައެވެ. އޭގެ ތެރޭގައި "ސައުދީ އަރަބިއްޔާ'' އަދި ''30 އަހަރު" ގެ ނަމުގައި ލިޔުއްވި ދެ ފޮތް ހިމެނެއެވެ.