އެސްޓީއޯ މާލޭ ލީގުގެ ޝީލްޑް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިރޭ އުފުލާލައިފިއެވެ.
މާލޭ ލީގުގައި ނިއުއިން ކުޅުނު ފަހު މެޗަށް އެޓީމު ނުކުތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އެ މެޗަށް ނުކުތް އިރުވެސް ނިއުއަށް އޮތީ ލީގު ޔަގީން ވެފައެވެ.
މިރޭގެ މެޗުގައި ނިއުއިން މާޒިޔާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ގޯލެއް ޖަހައިފައި ވަނިކޮށް ނިއުއިން ވަނީ ފަހަތުން އަރައި ދެ ގޯލް ޖަހައިފައެވެ.
މިރޭގެ މެޗަށް ނިއުއިން ނުކުތީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގެ ފުރަތަމަ 11ގައި ނުހިމަނައެވެ. "ސަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުން ދަގަނޑޭ ވަނީ ނިއުއާއެކު ވެފައިވާ އެއްބަސްވުން އުވާލައިދިނުމަށް އެދި އެފްއޭއެމްއަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މެޗުގެ ފަހު ހާފްގައި ދަގަނޑޭ ވަނީ ފެނިގެން ގޮސްފައެވެ.
މިއަހަރުގެ މާލޭ ލީގުގައި ނިއުއިން ކުޅުނު 14 މެޗުގެ ތެރެއިން އެޓީމުން ވަނީ 12 މެޗުން މޮޅުވެފައެވެ. ބަލިވީ ފުރަތަމަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ. ދެން އެޓީމަށް ގެއްލުނު ޕޮއިންޓަކީ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ.
ރާއްޖޭގެ ފުޓުބޯޅަ އޮނިގަނޑަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު އެފްއޭއެމްއިން މާލޭ ލީގު އަލުން ތައާރަފްކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަނުންނަކީ މާޒިޔާއެވެ. އެއަހަރު ނިއުއިން ލީގު ނިންމާލީ ތިން ވަނައިގައެވެ.
މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ކުރީ ކޮޅުގައި ނިއުގެ ޒުވާން ފޯވަޑް އިބްރާހީމް އަތީގަށް ލިބުނު ފުރުސަތު އޭނާ ފޮނުވާލީ ގޯލްގެ މަތިންނެވެ. މެޗުގެ ކުރީކޮޅުގައި ނިއުއިން ދެ ހަމަލާއެއްް އުފެއްދި ނަމަވެސް ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ.
މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ކޯނެލިއަސް ސްޓެވާޓެވެ. ނާއިޒް ހަސަން (ދާދު) ކުރިއަށް ދިން ބޯޅައަށް ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ކުރިއަށް އަރާ ސާފް ކޮށްލަން ޖެހި ނަމަވެސް ބޯޅަ ޖެހުނީ ނިއުގެ ޑިފެންޑަރު ގައިގައެވެ. ޑިފެންޑަރު ގައިގައި ޖެހިފައި ވެއްޓުނު ބޯޅަ ކޯނެލިއަސް ގޯލަށް ފޮނުވާލީ ފަސޭހަކަމާ އެކުގައެވެ.
ދެވަނަ ހާފަށް ނުކުމެ ނިއުއިން ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ނިއުއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މާޒިޔާގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ.
ގޯލަށްފަހު މިނެޓެއްވެސް ނުވަނީސް ނިއުގެ އަތީގު ބޮލުން ރަނގަޅު ހަމަލާއެއް ފޮނުވާލި އިރު، އެ ހަމަލާ ދިފާއުކުރީ މާޒިޔާގެ އުންމީދީ ކީޕަރު ހުސައިން ޝަރީފެވެ. ނިއުއިން ނަތީޖާ ހަމަހަމަ ކުރިތާ 10 މިނެޓްވެސް ނުވަނީސް އެޓީމުން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީވެސް އަތީގެވެ. ރިލުވާން ވަހީދު (ރިލޭ) އަރިމަތިން ނަގައިދިން ހުރަސް އޭނާ ނިންމާލީ ގޯލްގެ މަތީ ކަނަށެވެ.
ނިއުގެ ގޯލަށްފަހު 68 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ފަރާތުން ރަނގަޅު ހަމަލާއެއް ފެނިފައިވާ އިރު، އެ ހަމަލާ ދިފާއުކުރީ ކީޕަރު ފައިސަލެވެ. އޭގެފަހުންވެސް ދެޓީމުގެ ފަރާތުން އިތުރު ހަމަލާތައް ފެނިފައިވާ އިރު، އަލީ ފާސިރު (ސެންޓޭ)ގެ ހިލޭ ޖެހުމާއި ނިމެން ދަނިކޮށް މާޒިޔާގެ ކޯނެލިއަށްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.
ނިއުއިިން މާލޭ ލީގުގެ ޝީލްޑް އުފުލާލައިފައިވާ އިރު، ގަދަ ހައެއްގެ ޖާގައިން ބޭރުވެ ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހުނީ ކްލަބު ވެލެންސިއާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަނެއް ހަ ޓީމު ވަނީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައެވެ.