ސައުތު އޭޝިއަން ޔޫތު ސަމިޓުގެ ޕްރީ ސަމިޓު ބައްދަލުވުން ހޮނިހިރު ދުވަހު

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް) 2017ގެ ޕްރީ ބައްދަލުވުން ނިންމުމަށް މިރޭ ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ)އިން ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓު (ސޭސް)ގެ މިއަހަރުގެ ސަމިޓުގެ ކުރިން ބާއްވާ ޕްރީ-ސަމިޓު ބައްދަލުވުން އަދި މޯލްޑިވްސް ޔޫތު ލީޑާސް ޑައިލޮގް ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ރާއްޖެއިން ބައިވެރިވަނީ ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާގެ ފަރާތުންނެވެ. މިދިޔަ އަހަރުވެސް ރަފީގެ ފަރާތުން ވަނީ އެ ސަމިޓުގައި ބައިވެރިވެފައެވެ. މިދިޔަ އަހަރު އެ ސަމިޓު އޮތީ އިންޑިއާގެ ބޫބަނޭޝްވަރުގައެވެ.

މިއަހަރުގެ ސައުތު އޭޝިއަން ޔޫތު ސަމިޓު އޮންނާނީ ސްރީލަންކާގައެވެ.

ރަފީ ޖަމިއްޔާއިން ބުނި ގޮތުގައި މިއަހަރުގެ ސަމިޓުގައި ބައިވެރިނުވާ ޒުވާނުންނަށްވެސް، ރާއްޖޭގައި ބާއްވާ ޕްރީ-ސަމިޓު ބައްދަލުވުން އަދި ޔޫތު ލީޑާސް ޑައިލޮގުގައި ބައިވެރިވެވޭނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ބައްދަލުވުމުން، ޒުވާނުންނަށް ހުރި ފުރުސަތުތައް އެނގިގެންދާނެ ކަމަށާއި، މިފަދަ ބައްދަލުވުންތަކަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބު ލިބޭކަމަށް ރަފީ ޖަމިއްޔާއިން ބުނެއެވެ.

މިފަހަރުގެ ޕްރީ ސަމިޓުގައި އިންޓަނޭޝަނަލް ޔޫތު ކޮމިޓީގެ ވަފުދެއްވެސް ބައިވެރިވެއެވެ. އެ ވަފުދުގައި ހިމެނެނީ އެ ކޮމިޓީގެ ޗެއާމަން ޑރ. ކޭކޭ ސިންހް، ވައިސް ޗެއާމަން ޕަންކަޖް ދެކާ، ރައީސް ޖަޔަންތަ ޕަތުރާ، ސެކްރެޓަރީ ޖެނެރަލް ފަރުހާން އަހްމަދު، އެސިސްޓަންޓް އެސްޖީ ރާޖް ކަޓެލް އަދި ޓްރެޝަރާ މުންނާ ކުމާރުގެ އިތުރުން އައިވައިސީގެ ސްރީލަންކާގެ ކަންޓްރީ އެމްބެސެޑަރު ރަވީ އަރުމޯއެވެ.

ރާއްޖެއިން އިސްވެރިންގެ ގޮތުގައި ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އަދި އައިވައިސީގެ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާ، އައިވައިސީގެ ރާއްޖޭގެ ކަންޓްރީ އެމްބެސެޑަރު ފަޒްލީ އަބްދުލްވައްހާދު އަދި ނައިބު އެމްބެސެޑަރު އިސްމާއިލް ރިފާއުވެސް ބައިވެރިވާނެއެވެ.

comment ކޮމެންޓް