އާޖެންޓީނާއަށް މޮޅު ނުވެވުނީ މެސީއާ ހެދިއެއް ނޫން: މަރަޑޯނާ

އާޖެންޓީނާއާއި އައިސްލޭންޑް ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ކުޑަކުޑަ އައިސްލޭންޑާ ވާދަކޮށް އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޓީމުގެ ކެޕްޓަން މެސީގެ ފަރާތުން ޕެނެލްޓީއެއް ނާކާމިޔާބު ވިތަން ފެނިގެންދިޔަ އިރު، މެޗުން ބަލިވުމުގެ ޒިންމާ އޭނާ އަމިއްލައަށް ވަނީ ނަގައިފައެވެ.

އާޖެންޓީނާގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އެގައުމުގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނީ ޓީމަށް މޮޅު ނުވެވުނީ މެސީ ޕެނެލްޓީ ނާކާމިޔާބުކޮށްލުމުން ނޫން ކަމަށެވެ.

"އަހަރެން ނުބުނާނަން ކުޅުންތެރިންނާ ހެދިއެކޭ ބަލިވީކީ. މަސައްކަތު ރޭޓް ދަށޭ ބުނެވިދާނެ. އެކަމަކު ކުޅުންތެރިންގެ ބޮލުގައި ބަލިވުމުގެ ޒިންމާ ނާޅުވާނަން... ވަކިން ހާއްސަކޮށް މެސީ، އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި،" އާޖެންޓީނާއާއެކު ވޯލްޑް ކަޕް އުފުލާލި މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ބުނީ މެޗުން އެއްވަރުވީ މެސީގެ ޕެނެލްޓީގެ ނާކާމިޔާބު ވެގެން ނޫން ކަމަށެވެ.

"އަހަރެން އަތުން އާޖެންޓީނާގެ ފަސް ޕެނެލްޓީއެއް ނާކާމިޔާބުވި. އެކަމަކު އޭގެ ފަހުންވެސް އަހަރެން ހުރީ ހަމަ މަރަޑޯނާގެ ގޮތުގައި،" 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗު ގޮތުގައި ވޯލްޑް ކަޕަށް ދިޔަ މަރަޑޯނާ ބުންޏެވެ.

ކްލަބުގައި ކުޅޭ ވަރަށް ގައުމީ ޓީމަށް ނުކުޅެވޭ ކަމަށްބުނެ ގިނަ ބަޔަކު ވަނީ އާޖެންޓީނާގެ ކެޕްޓަނަށް މީގެ ކުރިންވެސް ފާޑު ކިޔައިފައެވެ. އެހެން ނަމަވެސް އެންމެފަހުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި މެސީ ވަނީ މޮޅަށް ކުޅެ، އެގައުމުގެ ގައުމީ ޓީމާއެކު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް