ޓައިގާގެ "ރާމްބޯ" ރިލީޒް ކުރާނީ 2020ގައި

ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޯފްގެ އެންމެ އުންމީދީ ޕްރޮޖެކްޓު، "ރާމްބޯ" ރިލީޒް ކުރާނެ ތާރީޚު ހަމަޖައްސައިފި އެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރާނީ 2020 ވަނަ އަހަރުގެ އޯގަސްޓު ދެވަނަ ދުވަހު އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ ޓައިގާ އާއި ރިތިކް ރޯޝަންގެ ފިލްމުގެ މަސައްކަތް ނިމުމުންނެވެ.

"ރާމްބޯ" އިއުލާނުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި މިދިޔަ އަހަރު ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ރިލީޒް ކޮށްފަ އެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ނުފެށި ލަސްވަނީ އެވެ.

ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ" ފްރެންޗައިޒްގެ ރީމޭކް އިން ޓައިގާގެ އެކްޝަން ހުނަރު ބަލައިލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ނަމަވެސް ފިލްމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އޭރު ހުރި ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފަ އެވެ.

"ރާމްބޯ"ގެ ހިންދީ ރީމޭކް ޑައިރެކްޓު ކުރާނީ ސިދާތު އާނަންދު އެވެ.

ޓައިގާ މިހާރު ކުރަމުން އަންނަނީ ދަރްމާ ޕްރޮޑަކްޝަންސްގެ "ސްޓުޑެންޓް އޮފް ދަ އިޔާ 2"ގެ މަސައްކަތެވެ. ޕުނީތު މަލޯތުރާ ޑައިރެކްޓު ކުރާ އެ ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ދެހްރާދޫންގަ އެވެ.

comment ކޮމެންޓް