Sun Online
"ޖަންގަލް ޕީޕީ" އެޕިސޯޑުގައި ޔޫސޭ ޓީވީން ރިޕްލޭ ބަލަނީ ---
"ޖަންގަލް ޕީޕީ" އެޕިސޯޑުގައި ޔޫސޭ ޓީވީން ރިޕްލޭ ބަލަނީ ---

ޔޫސޭއާއި ވީއޭއާރް!

މުޙައްމަދު ޝަމްޢޫން
ލިޔުނީމުޙައްމަދު ޝަމްޢޫން

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)އާއެކު ފުޓުބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިފިއެވެ. ރެފްރީންނަށް ހެދޭ ގޯސްތައް ބޮޑުތަނުން މަދުކޮށްދީފިއެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުޓުބޯޅައަށް ތައާރަފް ވެގެންއައި ވީއޭއާރް، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ބޭނުން ކުރަން ފަށާފައި މިވަނީ މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައެވެ.

ވީއޭއާރްގެ ބޭނުން ކުރުމަކީ ބަހުސަކަށް ވެފައިވާ އިރު، އެއްބަޔަކު ދެކޭ ގޮތުގައި އޭގެ ސަބަބުން މެޗުގެ ފޯރި ގެއްލި، މެޗުތަކުގެ ރޫހު ގެއްލުވާލައެވެ. އަނެއް ބަޔަކީ ވީއޭއާރް ގެނެސްދޭ އިންސާފުވެރި ކަމަށް ތާއިދުކުރާ ބައެކެވެ. ރެފްރީންނަށް ނުފެނުނަސް ވީއޭއާރަށް ސިއްރުން ދަނޑުމަތީގައި ނަރެއްހާ ތަންވެސް ނުދެއެވެ.

ވީއޭއާރުގެ ބޭނުން ރެފްރީ ކުރަނީ --- ފޮޓޯ / ގެޓީ

ކޮންމެއަކަށް ވީއޭއާރް މަސައްކަތް ކުރާ ގޮތް ކުރުކޮށް ކިޔާލަ ދޭނަމެވެ. ވީއޭއާރްއަކީ ރެފްރީއަށް ފޯރުކޮށްދެވޭ ވީޑިއޯ ރިޕްލޭ ނުވަތަ ވީޑިއޯ އެނަލައިސިސް އެހީތެރިކަމެކެވެ. ރެފްރީއަށް ނުވަތަ ރޮނގު ބަލަހައްޓާ މީހާއަށް ޝައްކުވާނަމަ، ވީއޭއާރަށް ހާއްސަ ރެފްރީ ޓީމާ ދަނޑުމަތީގައި ހުންނަ ރެފްރީ ގުޅާލައެވެ. ހާއްސަކޮށް މެޗު އަނބުރާލާ ފަދަ މުހިއްމު ދަނޑިވަޅުތަކުގައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ރަޝިއާގެ މޮސްކޯގައި ވީއޭއާރް ސެންޓަރެއް ގާއިމްކޮށްފައިވާ އިރު، ކޮންމެ މެޗެއްގެވެސް ވީޑިއޯ އެނަލައިޒް ކުރާނީ ހަމަ އެ ސެންޓަރުންނެވެ. މުއާސަލާތުކުރުމުގެ ހާއްސަ ވިއުގައެއްގެ ދަށުން ވީއޭއާރް ރެފްރީންނާއި ދަނޑުމަތީގައި ތިބޭ ރެފްރީން ގުޅިފައި ހުންނަ އިރު، ރެފްރީ ބޭނުންވެއްޖެ ހާލަތެއްގައި ދަނޑުގެ އަރިމަތީގައި ބެހެއްޓިފައިވާ ވީއޭއާރް ޓީވީގެ އެހީގައިވެސް ރިޕްލޭ ބަލާލެވެއެވެ.

ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާ ވީޑިއޯ އޮޕަރޭޝަންސް ރޫމް --- ފޮޓޯ/ އޭޕީ

ކޮންމެއަކަސް މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މިހާތަނަށް ދެތިން މެޗެއްގައި ވީއޭއާރްގެ އެހީ ބޭނުން ކޮށްފިއެވެ. ދިވެހިންގެ ގިނަ ބަޔަކު ސަޕޯޓުކުރާ ފްރާންސުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ބަލިކުރި މެޗުގައިވެސް ވީއޭއާރްގެ ބޭނުން ޖެހުނެވެ. އެ މެޗުގައި އޮސްޓްރޭލިއާގެ ޑިފެންޑަރު، ފްރާންސްގެ އެންޓޮއިން ގްރީޒްމަންގެ ފަޔަށް ކުރި ޓެކުލް ރިވިއު ކުރުމަށް ރެފްރީ ދިޔައީ ދަނޑު ކައިރީގައި ބެހެއްޓިފައިވާ ވީއޭއާރް ޓީވީ ކައިރިއަށެވެ.

ރެފްރީ އެ ޓީވީ ކައިރިއަށް ދިއުމުން އެތައް ބަޔަކަށް އެ މަންޒަރު މާ ކުރިން ފެނިފައި އޮތް މަންޒަރެއް ގޮތުގައި ސިފަކުރެވުނެވެ. ދިވެހިންގެ ތެރެއިން އެކަން ކުރިންވެސް ފެނިފައިވާ ކަހަލަ ކަމަށްވުމުން، އެކަމަކު ހަނދާންތައް އާވެގެން ދިޔައެވެ.

އެންމެނަށްވެސް ސިފަވީ މަޝްހޫރު ކޮމީޑިއަން ޔޫސުފު ރަފީއު (ޔޫސޭ)ގެ "ދިރިއުޅުމަކީ މިއީބާ" ސީރީސްގެ އެޕިސޯޑެއްގެ މަންޒަރެވެ. ޔޫސޭ ރެފްރީއެއްގެ ކެރެކްޓާގައި އެ އެޕިސޯޑުގައި ދައްކުވައިދޭ އިރު، ގިނަ ބަޔަކަށް އެ އެޕިސޯޑް އެގިފައި އޮންނާނީ "ޖަންގަލް ޕީޕީ"ގެ ނަމުންނެވެ.

"ޖަންގަލް ޕީޕީ"ގައި ޔޫސޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ރެފްރީ ސޭވަރާޖެވެ. އޭނާގެ ރެފްރީ ކަމުގެ ތާރީހަކީ ބޮޑު ތާރީހެކެވެ. އެތައް އަހަރުތަކެއް ވަންދެންވެސް ރެފްރީކަން ކުރި އިރު، ކާޑެއް ނުދައްކާނެ ކަމަށާއި، ކުޅުންތެރިންނަށްވުރެ ބޮޑަށް ދަނޑުގެ ވިނަގަނޑަށް އިސްކަން ދިނުމަކީ ރެފްރީ ސޭވަރާޖުގެ ހާއްސަ ކަންކަމެވެ. ކޮންމެއަކަސް ޔޫސޭގެ "ޖަންގަލް ޕީޕީ" އެޕިސޯޑުގައި ދައްކުވައިދެނީ މުޅި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ މެޗެއް ކުޅެވޭތަނެވެ. އެއްކޮޅުން ފިޒިކަލް، ތަޅާފޮޅާ ފުޓުބޯޅައެއް ކުޅޭ "ޖަންގަލް ޕީޕީ" އެވެ. އަނެއް ކޮޅުން މޮޑާން ފުޓުބޯޅައެއް ކުޅޭ "ހޮރޭލިއާ"އެވެ.

މެޗުގައި ސޭވަރާޖް ރެފްރީކަން ކުރާތީއާވެސް އެކު، ސަލާމަތީ ކަންކަން އިންތިހާއެވެ. އެ އެޕިސޯޑުގައި ދައްކާ ގޮތުން ކުޅުންތެރިން ދަނޑަށް އެރުވީވެސް ސިނގިރޭޓް ބޮއެފައި ހުރިތޯ ބަލާ ހާއްސަ ސްކޭނަރަކުން ސްކޭން ކުރުމަށްފަހުގައެވެ.

މެޗުގައި ތަފާތު ކަންތައްތަކެއްވެސް ފެނިގެން ދިޔަ އިރު، އެންމެ ފާހަގަވީ ހޮރޭލިއާއަށް ރެފްރީ ސޭވަރާޖް ދިން ޕެނެލްޓީއެވެ. ޕެނެލްޓީގައި ގޯލަށް ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އެހެން ނަމަވެސް ރެފްރީއަށް ނިންމެނީ އެއީ ގޯލެއް ކަމަށެވެ. ކުޅުންތެރިންގެ ޝަކުވާއާއެކު ރެފްރީ ސޭވަރާޖް ނިންމީ ގޯލެއްތޯ ނޫނީ ނޫންތޯ ޔަގީން ކުރަން ދަނޑާ ޖެހިގެން ހުރި ގޭގެ ޓީވީ ބަލަން ދިއުމަށެވެ.

އެ ގެއަށް ގޮސް ޓީވީން ރިޕްލޭ ބެލި އިރު، އެގުނީ ބޯޅަ ދިޔައީ ބޭރުން ކަމެވެ. ޓީވީން ބަލަން ދިއުމުން ގޭގައި ތިބި މީހުންވެސް ތިއީ ރެފްރީތޯ ސޭވަރާޖު ކައިރީ އަހާލައެވެ. ސޭވަރާޖު ބުނަނީ ޝައްކެއް ވެގެން ޔަގީން ކޮށްލަން ޓީވީ ރިޕްލޭ ބަލާލަނީ ކަމަށެވެ. ރިޕްލޭ ބެލުމަށްފަހު ދަނޑު މައްޗަށް އަރާ ސޭވަރާޖުގެ ނިންމުން ބަދަލު ކުރި އިރު މެޗުގައި އޮތީ ވާނެ އެއްޗެއް ވެފައެވެ. ތަޅާ ފޮޅުމަށް ގޮސް އެންމެފަހުން ފީފާއިން ސޭވަރާޖު ސަސްޕެންޑް ކުރަނީ ރެފްރީކަން ހަލާކުކުރާ މީހެއްގެ ގޮތުގައި ބަލައިފައެވެ.

ނޮވެމްބަރ 3ގެ ހާދިސާ އާއު ބެހޭ ގޮތުން 2 ނޮވެމްބަރ 2017ވަނަ ދުވަހު ޔޫސޭ ސަން އަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެއަކަސް ޔޫސޭ ދިވެހިން ހެއްވާލަން ކުރާ މަސައްކަތް މިއަދާ ހަމައަށްވެސް "ދިރިއުޅުމަކީ މިއީބާ"ގެ ނަމުގައި އައިސްފައިވާ އިރު، މިއަދު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ އަޑުހަރުކޮށް ބޭނުންކުރާ ވީއޭއާރަކީ ޔޫސޭ އެތައް އަހަރުތަކެއް ކުރިން ހެދި ޑްރާމާއެއްގައި ފެނުނު ޓެކްނޮލޮޖީއެކެވެ. މަދުވަނީ މުއާސަލާތު ކުރާނެ ވަސީލަތަކާއި ޓީވީ ބަލަން ހުރި ރެފްރީއެކެވެ.

" ކޮންމެއަކަސް އަހަރެން އޭރު އެ މަންޒަރު ނެގި އިރުވެސް އެނގޭ ފުޓުބޯޅައިގައި މި ސެޓެލައިޓްތަކާ ކެމެރާތަކާ ބޭނުންވާނެކަން ގޮތް ނިންމަން. އެހެންނުވާނީ.... މިއޮއްހާ ކެމެރާއާއި ސެޓެލައިޓްތައް އޮންނައިރު ބޭނުންވާނެ ދޯ... މިހާރު މި ފެންނަނީ އެ ބޭނުން ކުރާތަން. ފީފާއަށް ފެނުނީ ކަންނޭނގެ ދިރި އުޅުމަކީ މިއީބާގައި... ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގައި މާ ކުރިން އެފަދަ ވަސީލަތެއް ބޭނުން ކޮށްގެން މެޗުގެ ނިންމުން ނިންމިތަން.... އެހެންވެ ކަންނޭނގެ އެ ބޭނުން ކުރަން ފެށީ... އެކަމާ ލަދުން..ހެހެހެހެ" މިއަދު ޔޫސޭއަށް ކުރެވޭ އިހުސާސް، ޔޫސޭގެ ސަމާސާ ރާގުން އޭނާ ކިޔައިދިނެވެ.

ޔޫސޭ ބުނީ ވޯލްޑް ކަޕާ ގުޅިގެން ވީއޭއާރްގެ ސުވާލުތައް އޭނާއަށް ވަރަށް ގިނައިން އަންނަ ކަމަށާއި، މީގެ މާކުރިން އޭނާގެ ސިކުނޑިއަށް އެ ވިސްނުން އައިގޮތެއް މިއަދު "ޓައްކިޔާފަ" ބުނެލަން ދަތި ކަމަށެވެ.

infinity loading...
×
DB released 01.