ނޯތު ކެންސިންޓަން ޙާދިސާއަށް އަހަރުވީއިރު ވެސް ސަރުކާރުގެ އިހުމާލު ބޮޑުކަމުން އާއިލާތައް ރުޅިގަދަވެއްޖެ

ލަންޑަންގެ ނޯތް ކެންސިންޓަންގައި ހުންނަ އާންމުން ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގްގައި ހިނގި އަލިފާނުގެ ޙާދިސާ

ލަންޑަން (މޭ 15) : ލަންޑަންގެ ނޯތު ކެންސިންޓަންގައި ހުންނަ އާންމުން ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގް އެއްކަމަށްވާ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ޙާދިސާގައި 72 މީހުން މަރުވި ޙާދިސާއަށް އެއް އަހަރު ފުރުނު އިރު ވެސް އެކަމާ ބެހޭ ތަހްގީގް ނިމިފައިނުވުމާ ބަދަލުދޭން ޖެހޭ ފަރާތްތަކަށް ބަދަލު ނުދެވޭ މައްސަލާގައި އެމީހުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިނގިރޭސި ސަރުކާރަށް ފާޑުކިޔަމުން އެމީހުންގެ އާއިލާތަކުން ބުނީ އަލިފާނުގެ ޙާދިސާ ހިނގުމާ އެކު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރި ނަމަވެސް އަލިފާން ނިއްވުމުގެ ކަންތައް ފެށުނީ ވާނެއެއްޗެއް ވުމަށްފަހުގައި ކަމުން މިއީ ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުން ޒިންމާ ނަގަންޖެހޭނެ ވަރަށް ބޮޑު އިހުމާލެއް ކަމުގަ އެވެ.

އަދި ކުއްލި ހާލަތުގައި މަސައްކަތްކުރަން ޖެހޭ އިނގިރޭސި ސަރުކާރުގެ މުއައްސަސާތަކުގެ ހާލަތު ދަށްވެެފައި އިންތިހާއަށް ފަރުވާ ކުޑަކަން ގްރެންފެލް ޓަވަރުގެ ޙާދިސާއިން ސާފުވެގެން ހިނގައްޖެކަމަށް ވެސް މަރުވި މީހުންގެ އާއިލާތަކުން ބުނެ އެވެ.

މި އާއިލާތަކުގެ ފަރާތުން މީޑީއާއަށް ބަޔާންދިން އަންހެނަކު ބުނި ގޮތުގައި އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ ހަނދާނުގައި އިނގިރޭސި ބޮޑުވަޒީރު މާބޮނޑިއެއް ބޭއްވުމާއި އެޙާދިސާއިން މީހުން ސަލާމަތްކުރުމަށް އެއިމާރާތުގައި ތިބި މުސްލިމުން ކުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމީހުންނާ އެކު ރޯދަވީއްލުމެއްގައި ތެރީސާ މޭ ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެއީ މަރުވި 72 މީހުންގެ އާއިލާތަކަށް އިންސާފު ލިބުން ނޫންކަމުގަ އެވެ.

މައްސަލައަކީ އަލިފާން ނިއްވުމުގެ ކަންތަކުގައި އިހުމާލްވި ރަސްމީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމާއި މީހުންގެ ފުރާނަ ސަލާމަތް ކުރަން އެކަށީގެންވާ އެއްވެސް މަސައްކަތެއް އިނގިރޭސި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ކުރެވިފައިނުވާއިރު ވެސް އެކަމާ ބެހޭ ތަހްގީގް ކޮޅެއްގައި ނުޖެހި ދިގުލައިގެންދިޔުމާއި ޒިންމާ ނަގާނެ ފަރާތެއް ނެތުމާއި އާއިލާތަކަށް ދޭންޖެހޭ ބަދަލުނުދީ މައްސަލަ މާބޮޑަށް ލަސްވެގެން ދިޔުން ކަމަށް އެއަންހެންމީހާ ބުންޏެވެ.

އެމައްސަލާގައި އާންމުންގެ ޝަކުވާތައް ބޮޑުވުމުން އިނގިރޭސި ހައުސިންގް މިނިސްޓަރ ޖޭމްސް ބްރޫކްޝެއާ ވަނީ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޖާބަ ދިނުމަށާއި އެ ޙާދިސާއިން މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އިނގިރޭސި ސަރުކާރުގެ މުއައްސަސާތައް ނާކާމިޔާބުވި ކަމަށް ޕާލަމެންޓްގައި އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް މިކަމާގުޅިގެން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ވަގުތު ފާއިތުވި ފަހުންނާއި އާންމުންގެ ޝަކުވާތައް އާދަޔާ ޚިލާފަށް ބޮޑުވުމުން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަނީ އިހުމާލަށް ޓަކައި މައާފަށް އެދިވަޑައިގެން ނޫސް ބަޔާނެއް ދެއްވާފަ އެވެ.

މިޙާދިސާއަށް އެއްއަހަރު ފުރުމާގުޅިގެން އެއާއިލާތަކުން ވަނީ އަލިފާނުގެ ޙާދިސާގައި މަރުވި އެއާއިލާތަކުގެ ލޯބިވާ ފަރާތްތައް (މައިންބަފައިންނާއި ދަރިންނާއި ދައްތައިންނާއި ބޭބެއިންފަދަ ތިމާގެމީހުން)ގެ މަތިން ހަނދާންކޮށް އެމީހުންގެ ފޮޓޯތައް ހިމެނޭ ބޯޑުތައް އެސަރަހައްދުގައިވާ މައިދާނަށް ނެރެ ސަރުކާރުގެ އިހުމާލަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެޙާދިސާގައި މަރުވި ގިނަ މީހުންނަކީ ކަމާ ބެހޭ މުއައްސަސާތަކުން އަވަހަށް ފިޔަވަޅު އެޅިނަމަ ފުރާނަ ސަލާމަތް ކުރެވޭނެ މީހުންކަމަށް އިނގިރޭސި ސަރުކާރުންވެސް ވަނީ ގަބޫލުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް