އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ ސަލްމާން ގޮވައިގެން ކޯޓަށް

ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާންއާއި ގިނަ އަދަދެއްގެ ފަންނާނުންނާ ދެކޮޅަށް އެއްބަސްވުމާ ޚިލާފުވުމުގެ ދައުވާއެއް އުފުލައިފިއެވެ.

ސަލްމާންގެ އިތުރުން، އެ މައްސަލައިގައި ހިމެނެނީ ކެޓްރީނާ ކައިފް، ސޮނާކްޝީ ސިންހާ، ރަންވީރު ސިންހް، އަކްޝޭ ކުމާރު، އުދިތު ނާރާޔަން، އަލްކާ ޔާގްނިކް، އުޝާ އަދި ޕްރަބޫ ދޭވާއެވެ.

އެމީހުންނާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައި ވަނީ އިންޑިއަން ސިނަމާއަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް 2013 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދަން ހަމަޖެއްސި ޝޯއެއްގައި ހުށަހެޅުމެއް ހުށަހަޅައިދޭން އެއްބަސްވުމަށް ފަހު، އެ އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ޗިކާގޯގައި ހުންނަ ވައިބްރަންޓް މީޑިއާ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ފަންނާނުން އެއްބަސްވުމާ ޚިލާފުވެފައި ވަނީ ފައިސާ ވެސް ނެގުމަށްފަހު ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ބޮލީވުޑް ފަންނާނުން ޝޯގައި ބައިވެރިނުވުމުގެ ސަބަބުން ޝޯ ކެންސަލްކުރަން ޖެހުނު ކަމަށެވެ. އެމީހުންނަށް ޝޯގައި ބައިވެރި ނުވެވުނީ ސަލްމާންއާ ގުޅޭ މައްސަލައެއް ރާޖަސްތާނު ކޯޓުގައި އޭރު ކުރިއަށް ދިއުމުން، އޭނާއަށް އިންޑިއާއިން ބޭރު ނުވެވުމުގެ ސަބަބުންނެވެ.

އެހެންކަމުން އެ ގްރޫޕުން ވަނީ ޝޯ ފަސްކުރަން ވެސް އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ، ފަންނާނުން އެހެން ގްރޫޕަކާއެކު ޝޯ ދިނުމަށް އެއްބަސްވި ކަމަށް ވައިބްރަންޓް މީޑިއާ ގްރޫޕުން ބުނެއެވެ. އަދި އެމީހުންނަށް ދިން ފައިސާ ވެސް އަނބުރާ ދީފައި ނުވާ ކަމަށްވެސް އެ ގްރޫޕުން ބުނެއެވެ.

ޝޯގައި ޕަފޯމްކުރުމަށް ސަލްމާނަށް 200،000 ޑޮލަރު، ކެޓްރީނާއަށް 40،000 ޑޮލަރު އަދި ސޮނާކްޝީއަށް 36،000 ޑޮލަރު ދީފައިވާ ކަމަށާއި، އެއިން އެއްވެސް ފައިސާއެއް އަނބުރާ ލިބިފައި ނުވާ ކަމަށް ވައިބްރަންޓް މީޑިއާއިން ބުނެއެވެ.

ވައިބްރަންޓް މީޑިއާ ގްރޫޕުން ބުނީ އެމީހުންނަށް ލިބުނު ގެއްލުމުގެ އަގު އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑުވާ ކަމަށާއި، ފައިސާ ހޯދަން ސަލްމާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ސަލްމާން، ކެޓްރީނާ އަދި ސޮނާކްޝީވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް