ރަޝިއާގެ ކޯޗު ޕްރެސް ދެނިކޮށް، ޕޫޓިންގެ ފޯން ކޯލެއް!

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރަޝިއާއާއި ސައުދީ އަރަބިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަޝިއާގައި ރޭ ފެށިގެން ދިޔަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ވެގެންދިޔައީ މުބާރާތް ބާއްވާ ގައުމު ރަޝިއާއަށް އުފާވެރި މެޗަކަށެވެ. އެޓީމުން ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ސައުދީ އަރަބިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ.

ރަޝިއާއިން ބޮޑު ތަފާތުން ރޭ ސައުދީ ބަލިކުރި އިރު، މެޗު ބަލަން ގޮސް އިންނެވި އެގައުމުގެ ރައީސް، ލަޑީމިއާ ޕޫޓިންގެ މޫނުމަތިން ވަރަށް ބޮޑަށް އުފާވެރިކަން ފެނިފައިވެއެވެ. ޕޫޓިން މެޗު ބަލަން އިންނެވީ ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން އަދި ފީފާގެ ރައީސް ޖޯޖިއޯ އިންފެންޓީނޯއާ އެކީގައެވެ. ޕޫޓިންއާއި ޕްރިންސް މުހައްމަދާ ދެމެދު ސަމާސާ ކަންކަތައްތަކެއް މެޗު ކުޅުނު ވަގުތު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޯލާއެކުވެސް ޕޫޓިންގެ ފަރާތުން ތަފާތު "ރިއެކްޝަނެއް" ފެނިގެން ގޮސްފައިވެއެވެ.

ރަޝިއާގެ ރައީސް އަދި ޕްރިންސް މުހައްމަދު މެޗު ބެލުމުގައި --- ފޮޓޯ/ އޭޕީ

ރޭގެ މެޗުން ރަޝިއާ ހޯދި ކާމިޔާބާއެކު ޓީމަށް މަރުހަބާ ކިޔަން ޕޫޓިން މާ ގިނައިރު މަޑެއް ނުކުރެއެވެ. ރަޝިއާގެ ކޯޗު، ސްޓާނިސްލޭވް ޗެރިޗެސޯވް ޕްރެސް ކޮންފަރެންސްގައި އިންދާ ރައީސްގެ ފޯން ކޯލް އައެވެ.

ޗެރިޗެސޯވް ބުނެފައި ވަނީ ޕްރެސްގައި އިނދެ ފޯނު ނަގަން ޖެހުނީ ރައީސް ގުޅުއްވުމުން ކަމަށާއި، ޕޫޓިން ބޭނުންފުޅުވީ މުޅި ޓީމަށް މަރުހަބާ ކިއުމަށް ކަމަށެވެ. އަދި އަމިއްލަ ގައުމުގައި އެފަދަ ކާމިޔާބީއެއް ހޯދައިދިނީތީ ރައީސް ޝުކުރު އަދާކުރެއްވި ކަމަށްވެސް ޗެރިޗެސޯވް ބުންޏެވެ.

ރަޝިއާއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ނުކުންނާނީ މިސްރާ ދެކޮޅަށެވެ. ރޭގެ މެޗަކީ 16 އަހަރަށްފަހު ވޯލްޑް ކަޕެއްގައި ރަޝިއާ ހޯދި ފުރަތަމަ މޮޅެވެ.

comment ކޮމެންޓް