މިއަދަކީ އިސްލާމީ ގިނަ ގައުމުތަކަށް ބަރަކާތްތެރި ފިތްރު އީދު ދުވަސް

ފިތުރު އީދު ނަމާދު ކުރަނީ ---

މިއަދަކީ އިސްލާމީ ގިނަ ގައުމުތަކަށް ބަރަކާތްތެރި ފިތުރު އީދު ދުވަހެވެ. އިސްލާމީ ގިނަ ގައުމުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވާތީ ބުރާސްފަތި ދުވަހަކީ ޝައްވާލް މަހުގެ ފަހު ދުވަސްކަމާއި ހުކުރު ދުވަހަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅައި އިސްލާމީ ގިނަ ގައުމުތަކުން ވަނީ އެކަން އިއުލާނު ކޮށްފައެވެ.

މިއަދަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް އިއުލާންކުރި ގައުމުތަކުގެ ތެރޭގައި ފަލަސްތީން، ސޫދާން، އުރުދުން، ސީރިއާ، ލުބްނާން، އަލްޖީރިއާ، މިސްރު، ލީބިޔާ، ތޫނިސް، މޮރޮކޯ، މޮރިޓޭނިއާ އަދި އިރާގު ހިމެނެއެވެ.

އަދި ތުރުކީ، އިންޑޮނީޝިޔާ، މެލޭޝިޔާ، ބުރުނާއި އާއި ސައޫދީއާއި ގަލްފުގެ އަރަބި ގައުމުތަކުންވެސް ވަނީ މިއަދަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅައި އެކަން އިއުލާންކޮށްފައެވެ. ޔޫރަޕްގެ އިސްލާމީ ދެގައުމު ކަމަށްވާ އަލްބޭނިއާއާއި ބޮސްނިއާއިންވެސް ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅާފައިވަނީ މިއަދުއެވެ.

ނަމަވެސް އޭޝިއާގެ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާން، އީރާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނު، މާލީ، ނައިޖީރިއާ، ނައިޖަރު، ބެނިން، ޗާޑް އަދި ސެނެގޯލް ފަދަ އެފްރިކާގެ އިސްލާމީ ގައުމުތަކުން ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހެވެ.

އިސްލާމީ ނޫން ގައުމުތަކަށް ބަލާއިރު ސިންގަޕޫރު، އިންޑިއާ، ފަރަންސޭސިވިލާތް، ރަޝިއާ، އަދި އެމެރިކާއާއި ކެނެޑާ ފަދަ ގައުމުތަކުންވެސް ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށް އެގައުމުތަކުގެ އިސްލާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު އިސްލާމީ ދުނިޔެ އޮތް ސަރަހައްދަށް މިދިޔަ ބުރާސްފަތި ދުވަހު ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެއެވެ.

އެހެންކަމުން އިސްލާމީ އެއްވެސް ގައުމަކުންވެސް އަދި މުސްލިމް ނޫން ގައުމަކުންވެސް ބުރާސްފަތި ދުވަސް ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ.

އިސްލާމީ ގިިނަ ގައުމުތަކުގައި މުސްލިމުން ފިތުރު އީދު ނަމާދުކުރަނީ ބޮޑު ޖަމާއަތް ހަދައިގެން ބޮޑެތި މައިދާންތަކުގައެވެ.

(ނޫސް އެޖެންސީތައް)

comment ކޮމެންޓް