މޮރޮކޯ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ 20 އަހަރަށްފަހުގައެވެ. އުތުރު އެފްރީކާއަށް ނިސްބަތްވާ މޮރޮކޯގެ ސްކޮޑުގައި ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ އިރު، މިފަހަރުގެ ސްކޮޑަކީ މޮރޮކޯގެ ފުޓުބޯޅައިގެ މުސްތަގުބަލް ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ.
ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަޔެކްސްއިން ވިދަމުން އަންނަ މިޑްފީލްޑަރު ހަކީމް ޒިޔެޗާއި ޔޫނުސް ބެލްހާންޑާއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ޒުވާން ތަރިންގެ ލިސްޓުގައި ފާހަގަވާނެ ނަންތަކެވެ.
ޒިޔެޗާއި ޓީމުގެ ކޯޗާ ދެމެދު ކުރިން މައްސަލަތަކެއް ޖެހުނު ނަމަވެސް އޭނާ ވަނީ ޓީމަށް އެނބުރި އައިސް ކޮލިފިކޭޝަންގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ކޯޗު: ހާވް ރެނާޑް

ހާވް ރެނާޑް: ހާވް ރެނާޑް މޮރޮކޯގެ ޒުވާން ޓީމުން ނަތީޖާ ނެރުމަށް ހާވް ރެނާޑް ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުން --- ފޮޓޯ/ އޭޕީ
މޮރޮކޯގެ ޒުވާން ޓީމުން ނަތީޖާ ނެރުމަށް ހާވް ރެނާޑް ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. ފްރާންސަށް އުފަން ރެނާޑް، މިރޮކޯގެ ކުޅުންތެރިން ލައްވައި ކުޅުވާ ފުޓުބޯޅަ އަކީ ވަރުގަދައަށް ޑިފެންސްކޮށް، ހަލުވި އެޓޭކްތަކެއް ކުރާ ފުޓުބޯޅައެކެވެ. ހާއްސަކޮށް މޮރޮކޯގެ މިޑްފީލްޑާއި އެޓޭކަށް ކުޅެމުން އަންނަ ހަލުވި ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ރެނާޑް ހިފައެވެ.
މިހާތަނަށް އެފްރިކާގެ ޓީމުތަކާއެކު ކާމިޔާބީތައް ގިނަ، ރެނާޑް ވަނީ 2012 ވަނަ އަހަރު ޒަމްބިއާއެކު އަދި އޭގެ ތިން އަހަރު ފަހުން އައިވަރީ ކޯސްޓާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ތަރި: ނަބިލް ޑިރާރް

ޕޯޗުގަލްގެ ފެނަބާޗޭއަށް ކުޅެމުން އަންނަ ނަބިލް ޑިރާރް --- ފޮޓޯ/ ގޯލް.ކޮމް
ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ ނަބިލް ޑިރާރަކީ 2017 ވަނަ އަހަރު މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކުރި އިރު، އެޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. މެދުތެރެއިން އުފެއްދުންތެރި ޕާސްތަކެއް ޖަހާ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވޭ އިރު، މޮރޮކޯގެ ޓީމުގެ މެދުތެރެއިންވެސް ޑިރާރް މުހިއްމު ވަނީ އެ މަގާމަށެވެ. އެޓޭކްއާއި ޑިފެންސް ބެލެންސްކޮށް، މޮރޮކޯގެ އެޓޭކް އުފައްދާ އެންމެ މުހިއްމު ކުޅުންތެރިއަކީވެސް އޭނައެވެ.
ގްރޫޕް ބީ:
ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން
ގްރޫޕް ސްޓޭޖުގައި މޮރޮކޯއަށް އޮތް މެޗުތައް:
15 ޖޫން، މޮރޮކޯ - އީރާން
20 ޖޫން، މޮރޮކޯ - ޕޯޗުގަލް
25 ޖޫން، މޮރޮކޯ - ސްޕެއިން