ރަމަޟާން މަހުގެ ފަހު ދުވަހަކީ ހއ. ބާރަށަށް އާދައިގެ ދުވަހެއް ނޫނެވެ. އިރު އެރުމާއެކު ފިރިހެންވެރިން ނުކުންނަނީ ކޮންމެ ރަމަޟާން މަހަކުވެސް އެންމެ ފަހު ދުވަހު އެމީހުން ތައްޔާރުކުރާ ހާއްސަ ބަތްޕެނެއް ތައްޔާރު ކުރުަމަށެވެ. އެ ރަށު މީހުން އެ ބަތްޕެނަށް ކިޔަނީ ދިގު ބަތްޕެނެވެ.
މި އަހަރުވެސް އެރަށު ޒުވާނުން ވަނީ އެ ބަތްޕެން ކައްކާފައެވެ. ބަތްޕެން ކެއްކުމަށް ފަހު މުޅި ރަށަށް ދައުވަތުދެއެވެ. މިއީ އެރަށުގައި ފޯރިއާއެކު ކުރިއަށްދާ ކަމެކެވެ.

ދިގު ބަތްޕެން ކެއްކުމަށް ބާރަށު ޒުވާނުން ތައްޔާރު ވަނީ--ފޮޓޯ/ ބާރަށު ޒުވާނުން
ދިގު ބަތްޕެން ބާރަށު ފިރިހެނުން ކައްކަން ފެށި ދުވަހެއް އެނގޭކަށް ނެތެވެ. ނަމަވެސް ކާބަފައިންގެ ޒަމާނުންސުރެ އެ ސަގާފަތް އެރަށުގައި އަންނަނީ ދަމަހައްޓަމުންނެވެ. އެއް ޖީލުން އަނެއް ޖީލަށް އެ އާދަ ވާރުތަވަމުން އައިސް، މިހާރުވެސް އެކަން ކުރުމަކީ އެ ރަށު ފިރިހެންވެރިންނަށް ލިބޭ ހާއްސަ ފަޚުރަކާއި އުފަލެކެވެ.

ދިގު ބަތްޕެން ކެއްކުމަށް އެއްޗެހި ކޮށާ ތައްޔާރުކޮށްފައި--ފޮޓޯ/ ބާރަށު
ބާރަށުން ވާހަކަދެއްކި އިބްރާހިމް ރަޝިދު ބުނީ އެ ބަތްޕެން ކައްކަނީ އާދައިގެ ބަތްޕެނާއި ހިލާފަށް ގިނަ އަދަދެއްގެ ފަލަމަޑީގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. ނަން ހުސްކޮށް ފަލަމަޑިއާއި ފަތްޕިލާވެލި މި ބަތްޕެނަށް އަޅާއިރު އެންމެ ފުރަތަމަ ޒުވާނުން ކުރާ މަސައްކަތަކީ ބަތްޕެނަށް ބޭނުންވާ ސާމާނު ހޯދުމެވެ.

ދިގު ބަތްޕެން ކެއްކުމަށް ބާރަށު ޒުވާނުން ތައްޔާރު ވަނީ--ފޮޓޯ/ ބާރަށު ޒުވާނުން
"ބަތްޕެނަށް ބޭނުންވާ ސާމާނު ހޯދަން ރޯދަމަހުގެ ފަހު ދުވަހުގެ ހެނދުނު ހުރިހާ ޒުވާނުންހެން ނުކުންނާނެ. ސާމާނު ހޯދުމަށް ފަހު މެންދުރުފަހުން އޮންނާނީ ފަތް ނޮޅުމާއި އެއްޗެހި [ބަތްޕެން ކައްކަން ބޭނުންވާ ފަލަމަޑީގެ ބާވަތްތައް] ކޮށުން. ދެން ހަވީރު އެ އުދާނީ ކައްކަން،"
ރަޝީދު ބުނީ މިކަމުގައި ރަށުގެ ކުދިބޮޑު ހުރިހާ ޒުވާނުން ބައވެރިވާ ކަމަށާއި އަންހެންވެރިން ލައްވާ ހަމައެކަނި ކުރާ ކަމަކީ ކާށި ހުނި ގޭނުން އެކަނި ކަމަށެވެ.

ދިގު ބަތްޕެން ކެއްކުމަށް ބާރަށު ޒުވާނުން ތައްޔާރު ވަނީ--ފޮޓޯ/ ބާރަށު ޒުވާނުން
"ދިގު ބަތްޕެން ކެއްކުމުގައި ހުރިހާ ޒުވާނުން ޝާމިލުވާނެ. ރޯދަ ވީއްލުމަށްފަހު އެންމެން އަންނާނެ ބަތްޕެން ރަހަ ބަލަން."
ދިގު ބަތްޕެނަށް އެ ނަން ކިޔުނު ގޮތެއް ރަޝީދަކަށްވެސް ނޭނގެއެވެ. ލަފާކޮށްފައި ބުނާނަމަ އެ ބަތްޕެން ކެއްކުމަށް ކުރާ މަސައްކަތުގެ ސަބަބުން އެއަށް ކިޔުނު ނަމަކަށް އެނަން ވުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.

ދިގު ބަތްޕެން ކެއްކުމަށް ބާރަށު ޒުވާނުން ތައްޔާރު ވަނީ--ފޮޓޯ/ ބާރަށު ޒުވާނުން
މިއީ ބާރަށުގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ސަގާފީ ހާއްސަ ހަރަކާތެކެވެ. އެ ރަށުގެ ހުރިހާ ޒުވާނުން މިކަމަށް ހާއްސަ އިސްކަމެއް ދޭއިރު މި ކަމުގެ ތެރެއިން ދޭދޭ ގުޅުމާއި އެކުވެރިކަން މުޅި ރަށަށް ގެނުވައެވެ. އަދި ފިތުރު އީދަށް ތައްޔާރުވުމަށް އެކުވެރި ރޫހެއް ރަށުތެރެއަށް ގެނުވައެވެ.