އީދު ދުވަހުން ފެށިގެން ތިން ދުވަހަށް ފްލެޓް ފޯމު ބަލައިގަތުން މެދުކަނޑާލަން ނިންމައިފި

ޖޫން 3، 2018: ބޯ ހިޔާވަހިކަމުގެ ބިޔަ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫއު، "ހިޔާ މަޝްރޫއު"ގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމުތައް ބަލައިގަތުން ފިތުރު އީދަށް މެދު ކަނޑާލާނޭ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ހުސައިން "ސަން"އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ފިތުރު ޢީދު ދުވަހުން ފެށިގެން ތިން ދުވަހަށް ފްލެޓް ފޯމުބަލައިގަތުން މެދުކަނޑާލަން ހަމަޖެހިފައިވާ ކަމަށެވެ.

"އީދު ދުވަހުން ފެށިގެން ތިން ދުވަހަށް ފޯމު ބަލައިގަތުން ބަންދު. އެއަށް ފަހު، ހަ ރޯދަ ނިމެންދެން ހަމަ ރޯދަ މަހު ވެސް ފޯމު ބަލައިގަތް ވަގުތުތަކުގައި ފޯމު ބަލައިގަންނާނީ،" ފަޒާލް ވިދާޅުވި އެވެ.

ރޯދަ މަހު ހިޔާ ފޯމު ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދު ފަހު 13:30އަށް އަދި ރޭގަނޑު 21:00 އިން 23:00އަށެވެ.

ޖޫން 3، 2018: ބޯ ހިޔާވަހިކަމުގެ ބިޔަ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި "ހިޔާ"ގެ ފޯމުތައް ބަލައިގަތުން ކުރިއަށް ދާއިރު، އެކަމަށް ޚާއްސަކޮށްގެން އެތަނުގައި 20 ކައުންޓަރެއް ބަހައްޓާފައިވެ އެވެ. އަދި ފޯމު ހުށަހެޅުމަށް ޓަކައި ނަގަން ޖެހޭ ނަންބަރު ނުވަތަ ޓޯކެން ނެގުމަށް ވެސް މިނިސްޓްރީން ވަނީ، ކިއުބީ އެޕް މެދުވެރިކޮށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދީފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ ޖުމްލަ 7،000 ފުލެޓެވެ. އެ ފުލެޓްތައް ދޫކުރާ ކެޓަގަރީތަކަކީ:

  • ކައިވެނިކޮށްގެން އުޅޭ 18 އާއި 40 އަހަރާ ދެމެދުގެ މީހުންނަށް - 1،000 ފްލެޓު
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް - 1000 ފްލެޓު
  • ދަފްތަރު މީހުންނަށް - 1،044 ފްލެޓު
  • ސިވިލް ސާވަންޓުންނަށް - 1،000 ފްލެޓު
  • ޑޮކްޓަރުންނާއި ނަރުހުންނަށް - 475 ފްލެޓު
  • ޓީޗަރުންނަށް - 625 ފްލެޓު
  • އެކަނިވެރި މައިންނާއި ބަފައިންނަށް - 500 ފްލެޓު
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް - 200 ފްލެޓު
  • ފުލުހުންނަށް - 300 ފްލެޓު
  • ސިފައިންނަށް - 300 ފްލެޓު
  • މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ - 256 ފްލެޓު
  • ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކައި ފްލެޓު ނުލިބުނު މީހުންނާއި ޓާޓާ ފްލެޓުތައް ލިބި، ފައިސާ ނުދެއްކުނު މީހުންނަށް - 300 ފްލެޓް
comment ކޮމެންޓް