ރައީސް މައުމޫނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ކޯޓުން ބާތިލްކޮށްފި

ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މާލެ ގެންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އެ ހުއްދަ ބާތިލްކުރިކަން މިއަދު އެމަނިކުފާނަށް އިއްވި ޖަލު ހުކުމްގައި ވަނީ ބަޔާންކޮށްފަ އެވެ.

އެމަނިކުފާނާ އެކު މިއަދު ހުކުމް އިއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ދީފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ވަނީ ކޯޓުން ބާތިލުކޮށްފަ އެވެ.

މައުމޫނާއި ދެފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެބޭފުޅުން ހައްޔަރުކޮށް ފޯނުދޭން އެދުމުން ފުލުހުންނަށް ފޯނު ނުދިން މައްސަލާގަ އެވެ.

އެ މައްސަލައިގެ އިތުރުން އެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. އެ މައްސަލައިގެ ހުކުމް އަދި އިއްވާފައެއްނުވެ އެވެ.

comment ކޮމެންޓް