އީދަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ގެލެކްސީ ނަމަކަށް ކިޔާ ބޯޓު--- ފޮޓޯ/ އެމްއެންޑީއެފް

އީދަށް ބޭނުންވާ ސާމާނު ހިފައިގެން މާލެއިން ފުރައިގެން ދ މީދުއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 04:15 ހާއިރު ކަމަށެވެ.

މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މި އޮޑި އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު އެހިސާބުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނި ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި މިވަގުތު ހުރި މުދާ ހުސްކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އިތުރު ދޯންޏެއް އެ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ދޯނި ފަރަށް އެރިއިރު ދޯނީގައި ޖުމްލަ ހަ މީހުން ތިއްބެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް