ރެލިގޭޝަން ކުޅެން ޖެހުމަކީ އެންމެ ބޮޑު ޕްރެޝަރު: އައްޔަ

މިދިޔަ އަހަރުގެ މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުން ނުވަ ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ.

ލީގު ތާވަލުގެ ހަތްވަނައިގައި ޔޫވީ އޮތް އިރު، އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން ކުޅުމަށް އެޓީމަށް ޖެހޭނީ ރެލިގޭޝަން ޕްލޭ އޯފްއިން ސަލާމަތްވާށެވެ. ޔޫވީއާއެކު ރެލިގޭޝަން ޕްލޭ އޯފްގައި ކުޅޭނީ މިހާރު ލީގު ތާވަލުގެ ފުލުގައި އޮތް ކްލަބު ވެލެންސިއާއާއި މި އަހަރު ދެވަނަ ޑިވިޝަންގެ ރަނަރަޕް، ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

ޔޫވީން ރެލިގޭޝަން ކުޅުމުގެ ކުރިން އެޓީމު އެންމެފަހުން ކުޅުނު މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެ، 2-2ގެ ނަތީޖާއަކުން އެއްވަރުކޮށްފައިވާ އިރު، އެ މެޗުގައި ޓީމުގެ 41 އަހަރުގެ ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) ވެސް ވަނީ ގޯލް ޖަހައިފައެވެ.

މިދިޔަ ސީޒަނަށްފަހު އައްޔަ ކުޅުން ހުއްޓާލައި ވެލެންސިއާގެ ކޯޗުން ޓީމުން ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ސީޒަން ފެށުމުގެ ކުރިން އޭނާ ވަނީ މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް އައުކުރިކަން ހާމަކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަނަށް ކުޅުނު އައްޔަ އެންމެ ފާހަގަކޮށްލެވުނީ ވިކްޓްރީންނެވެ. އޭނާވަނީ ވިކްޓްރީގެ ކެޕްޓަން ބޭންޑުވެސް ގިނަ ދުވަސްތަކެއް ވަންދެން އަޅާފައެވެ. މިހާރު ލީގުގައި ކުޅޭ އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ އައްޔަ، ކުރިން ވިކްޓަރީއާއެކުވެސް ރެލިގޭޝަން ކުޅެފައިވާ އިރު، އޭނާގެ ތަޖުރިބާއަކީ ޔޫވީއަށް މުހިއްމުވާނެ އެއްޗެކެވެ.

"ފަހު ބުރުގައިވެސް ވަރަށް ކުޑަ ތަފާތަކުން މި ހުންނަނީ ބަލިވެފައި. ޕްލޭ އޯފަށް ދާ އިރު، އިތުރު ކުޅުންތެރިންވެސް ލައިގެން ރަނގަޅުވާނެ ކަމަށް މި ނުކުންނަނީ. ރެލިގޭޝަނަކީ ފުޓުބޯޅައިގައި އަންނާނެ އެންމެ ބޮޑު ޕްރެޝާ، އަޅުގަނޑުވެސް ރެލިގޭޝަން ކުޅެފައި ހުރީމަ. ތިން ޓީމު އޮތަސް ވަރަށް ޕްރެޝަރުގައި ކުޅެން ޖެހޭނީ. ލީގު މެޗުތަކާ ވަރަށް ތަފާތުވާނެ،" އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އައްޔަ ބުންޏެވެ.

މި ސީޒަނަށްފަހު ފުޓުބޯޅަ ހުއްޓާލާނެ ކަމަށް އިއުލާން ކޮށްފައިވާ އައްޔަ ބުނީ ޓީމާ މެދުގައި ހިތްހަމަ ޖެހުނު ނަމަވެސް، އާއްމުކޮށް މެޗުތައް ގެއްލިފައި ހުރީ ފަހު މިނެޓް ގޯލް ވަދެގެން ކަމަށެވެ.

"ޓީމު ވަރަށް ރަނގަޅަށް ދިޔައީ. މިގޮތަށް ރަނގަޅަށް ދިޔަ ނަމަވެސް މުހިއްމު މެޗުތަކުގައި ފަހު މިނެޓްގައި ބަލިވެފައި ހުންނާނީ ގިނަ މެޗުތަކުގައި. އެއީ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ. ޓީމުގައި ވަރަށް ޒުވާން ކުޅުންތެރިން މިތިބެނީ. ދެން އެހެންވީމަ ކޮންސަންޓްރޭޝަންވެސް ނުހިފެހެއްޓިގެން މިދަނީ،" އައްޔަ ބުންޏެވެ.

ޔޫވީން މި އަހަރުގެ މާލޭ ލީގުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. ރެލިގޭޝަން ކުޅުމުގެ ކުރިން އެ މެޗު ވެގެންދާނީ ދެޓީމަށްވެސް ރަނގަޅު ޓެސްޓަކަށެވެ.

comment ކޮމެންޓް