ރެއާލްގެ ކޯޗު ކަމާ ހަވާލުވާނީ ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީ

ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީ --- ފޮޓޯ/ އޭޕީ

އަންނަ ސީޒަންގައި ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާނީ މިހާރު ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީ ކަމަށް ކްލަބުން އިއުލާންކޮށްފިއެވެ.

މިދިޔަ ތިން ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު ރެއާލް ކޯޗުކަމުގެ މަގާމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދިނީ މިދިޔަ މަހުގައެވެ. އޭނާ ބުނެފައި ވަނީ ރެއާލްއަށް އާ ވިސްނުންތަކެއް، އާ ވާހަކަތަކެއް ދައްކާނެ ކޯޗެއް ބޭނުންވާ ކަމަށެވެ. މިދިޔަ ތިން ސީޒަންގެ ޗެމްޕިއަންސް ލީގު ރެއާލްއިން އުފުލާލި ނަމަވެސް، ޒިދާންގެ އެންމެ ބޮޑު ވެއްޓުމަކަށްވީ މިދިޔަ ސީޒަންގެ ލޯކަލް ދެ ތަށިވެސް ވާދަވެރި ބާސެލޯނާއިން ގެންދިއުމެވެ.

ލޮޕެޓެގީ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ދެ ސީޒަނެއްގައި ޕޯޓޯގެ ކޯޗުކަންވެސް ކޮށްފައެވެ. އޭގެ ކުރިން 2003 ވަނަ އަހަރުގެ ފެށިގެން އޭނާ ވަނީ ސްޕެއިންގެ ޒުވާން ޓީމުތަކުގެ އެސިސްޓެންޓް ކޯޗު، އަދި ހެޑް ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގޯލްކީޕަރަކަށް ކުޅުނު ލޮޕެޓެގީގެ ސީނިއާ ކެރިއަރުގައި އޭނާ ވަނީ ރެއާލްއަށް އެއް މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ ސްޕެއިންގެ ކްލަބެއް ކަމަށްވާ ލޮގްރޯންސްއަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

ލޮޕެޓެގީ ސްޕެއިންއާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ލޮޕެޓެގީ ރެއާލްގެ ކޯޗުކަމާ ހަވާލުވާނީ ވޯލްޑް ކަޕަށް ފަހުގައެވެ.

comment ކޮމެންޓް