ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބަދަލުކޮށްފި

ޖުމްހޫރީ ޕާޓީން ބޭއްވި ހަރަކާތެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާ ކުރުމުން އެ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފިއެވެ.

ޖޭޕީގެ ދިދައާއި ލޯގޯ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އެންގީ މިދިޔަ އަހަރު މާޗު މަހު އެވެ. އެމައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޖޭޕީން އާ ދިދައަކާއި ލޯގޯއެއް އެ ކޮމިޝަނަށް ހުށަހެޅުމުން އެ ދިދަ އަދި ލޯގޯ ބޭނުން ކުރެވޭނެ ކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން އަދި އެ ދިދަ އާއި ލޯގޯ އާންމެއް ނުކުރެ އެވެ. ނަމަވެސް އެ ދިދަ އަދި ލޯގޯވެސް ޑިޒައިންކޮށްފައި ވަނީ ރަތް ކުލައިންކަން އެނގިފައިވެއެވެ. ބެލެވޭ ގޮތުން ޖޭޕީގެ ދިދަ އާއި ލޯގޯ އާންމު ކުރާނީ އެޕާޓީން މިމަހު ބާއްވަން ނިންމާފައިވާ ކޮންގްރެސްގައެވެ.

ޖޭޕީން ކުރިން ބޭނުން ކުރި ދިދަ ބޭނުން ކުރުން މަނާ ކުރީ ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތަށް ޖޭޕީގެ ދިދަ ހުރުމުންނެވެ.

ހޯމް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭގޮތަކީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

comment ކޮމެންޓް