ބެކަމް އާ ވިކްޓޯރިޔާ ވަރިވާން އުޅޭ ވާހަކަތައް ދޮގުކޮށްފި

މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް އާއި އަންހެނުން ވިކްޓޯރިއާ ބެކަމް ވަރިވާން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަަތައް އެ ދެމީހުން ދޮގުކޮށްފިއެވެ.

ބެކަމް އާއި ފެޝަން ޑިޒައިނަރު ވިކްޓޯރިއާ ކައިވެނި ކުރީ 1999 ވަނަ އަހަރުއެވެ. އެ ދެމީހުންނަށް ހަތަރު ކުދިން ލިބިފައިވާއިރު އެދެމީހުން ވަރިވާން ބޭނުންވެ އެކަން މީޑިއާ އާ ހިއްސާ ކުރަން ބޭނުންވާކަމަށް ބުނެ ވާހަކަތައް ވަނީ ފެތުރިފައެވެ.

ނަމަވެސް ބެކަމްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އެދެމީހުން ވަރިވާން ނޫޅޭ ކަމަށާއި އެއީ ހުސް ދޮގު ވާހަކަތައް ކަމަށެވެ.

ބެކަމްގެ ދެމަފިރިން އެންމެ ފަހުން އެކުގައި ފެނުނީ މިދިޔަ މަހުގެ 19 ގައި ބޭއްވި ޝާހީ ކައިވެނީގެ ހަފްލާ އިންނެވެ. އެ ހަފްލާގައި ބެކަމް އާއި ވިކްޓޯރިއާ ލައިގެން ތިބި ހެދުން ނީލަމުގައި ވިއްކާލައި، ލިބޭ ފައިސާ މެންޗެސްޓާއަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުންވި މީހުންނަށް އެހީވާން ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކުރަން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ދިން އިންޓަވިއު އެއްގައި ކުރީގެ ޕޮޕް ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބުނީ އޭނާ އާއި ބެކަމްގެ އުފާވެރި ހަޔާތުގެ އެއްސިއްރަކީ ދެމީހުން އެކީ ވަހަކަދައްކަން ހޭދަކުރާވަގުތު މޯބައިލް ފޯނު ދުރުގައި ބާއްވައިގެން އެކަކު އަނެކަކަށް ސަމާލުކަން ދިނުން ކަމަށެވެ.

comment ކޮމެންޓް