ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ބައްސާމްއާއި ޖަވާ ރަޝިޔާއަށް

ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒާއި ރައީސް ބައްސާމް އަދީލް ޖަލީލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަޝިޔާގައި އޮންނަ ވޯލްޑް ކަޕް ފެށުމުގެ އެއް ދުވަސް ކުރިން، އެގައުމުގެ ވެރިރަށް މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިސްވެރިން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) އަދި ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ރަޝިޔާއަށް ފުރައިފިއެވެ.

ބުދަ ދުވަހު މޮސްކޯގެ އެކްޕޯސެންޓަރުގައި އޮންނަ ފީފާގެ 67 ވަނަ ކޮންގްރެސްގެ އެންމެ ހާއްސަ ކަމަކީ 2026 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓު ނެގުމެވެ. މިއީ މެމްބަރު ގައުމުތަކަށް ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް ވޯޓު ދެވޭނެ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ބޭއްވެމަށް ބިޑް ކުރާ ގައުމުތަކުން ހުށަހަޅާ ޕްރޮޕޯސަލަށް މީގެކުރިން ވޯޓު ދެނީ ހަމައެކަނި ފީފާގެ އެގްޒެކެޓިވް ކައުސިލުން އެކަންޏެވެ.

ވޯލްޑް ކަޕް 2026 ބޭއްވުމަށް ބިޑް ހުށަހަޅައިފައި ވަނީ ދެ ފަރާތަކުންނެވެ. މޮރޮކޯގެ އިތުރުން ދެން ބިޑް ހުށަހަޅައިފައި ވަނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯ އެއްކޮށް ވޯލްޑް ކަޕް ހޯސްޓް ކުރުމަށެވެ.

އޭގެ އިތުރުންވެސް 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި 32 ޓީމުން 48 ޓީމަށް، ޓީމުތައް އިތުރު ކުރަން ފީފާއިން ނިންމާފައިވާ އިރު، އެކަމާ ގުޅިގެން މަޝްވަރާކޮށް، އެކަމުގެ ހަރަދުތައް ހިނގާނެގޮތުގެ ތަފްސީލުތަކާމެދު މަޝްވަރާކުރުންވެސް މިފަހަރުގެ ފީފާ ކޮންގްރެސްގައި ކުރިއަށްދާނެއެވެ.

ފީފާ ކޮންގްރެސްގެ ރަސްމީ ބައި އަންނަ ބުދަ ދުވަހަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، ކޮންގްރެސްގެ ކުރިން ހާއްސަ ކަންތައްތަކެއް ކުރިއަށްދާނެއެވެ. އެގޮތުން ކޮންގްރެސްގެ ކުރިން އެކިއެކި ގައުމުތަކުގެ ބައްދަލުވުންތަކާއި ފީފާއިން އިންތިޒާމް ކުރާ ހަރަކާތްތައް މާދަމާއިން ފެށިގެން މޮސްކޯގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް