ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ގާލްގައިޑުން ބަދިގެ ސާމާނު ހަދިޔާކޮށްފި

ރަސްމިއްޔާތުގައި ގާލްގައިޑުން ބަދިގެ ސާމާނު ހަވާލުކުރަނީ---

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގާލްގައިޑްގެ ޔޫތު ލީޑާސްއިން ބަދިގެ ސާމާނު ހަދިޔާކޮށްފިއެވެ.

މި ތަކެތި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ހަވާލުކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެތަކެއްޗާ ހަވާލުވީ އެ މަރުކަޒުގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ގާލްގައިޑުން ބުނީ 2000 ވަނަ އަހަރުން ފެށިގެން ޔަންގް ލީޑާސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ވެސް ގާލްގައިޑްގެ ފަރާތުން ގުރައިދޫ މަރުކަޒަށް ވަނީ ގިނަ އަދަދެއްގެ ތަކެތި ހަވާލުކޮށްފައެވެ.

މި އަހަރުގެ ފިތުރު އީދު ގުރައިދޫ މަރުކަޒުގައި ފާހަގަކުރުމަށް ވެސް ނިންމައިފައިވާ ކަމަށް ވެސް ގާލްގައިޑް ޔަންގް ލީޑާސް އިން ބުންޏެވެ.

"އަޅުގަނޑުމެން މިދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން. ހަމައެކަނި އީދާއި ގުޅިގެނެއް ނޫން،"

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންއިރު ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި މި ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު މި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންދާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ހަމައެކި ސަރުކާރުގެ ބަޖެޓުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ވަނީ 20 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ގާލްގައިޑަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ މެދު އޯގާތެރި ނަޒަރަކުން ދެކޭ ބައެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް