އަންނަ މަހުގެ ފަހަކުން ހަތަކަށް ބާއްވާ ވެކޭޝަންސް އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ހަމަޖައްސައިފިއެވެ.
އިނަރ މޯލްޑިވްސްއަކީ ވެކޭޝަންސް އެކްސްޕޯގެ ފާއިތުވި ދެއަހަރުގެވެސް މެއިން ސްޕޮންސަރެވެ.
ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ މި އެކްސްޕޯގެ ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް ތަފާތު އިނާމުތައް ލިބޭގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން، މޫދު ހޮލިޑޭސް އަދި އިތުރު ގެސްޓްހައުސްތައް ހިމެނެއެވެ.
ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.
އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުންޏެވެ.
ވެކޭޝަންސް އެކްސްޕޯގައި ލަކީޑްރޯއާއެކު އަގުހުރި އިނާމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ލަކީ ޑްރޯ ތަކުން ހޮވޭ ފަރާތްތަކަށް ލިބޭނެއެވެ.
މިއަހަރު ބާއްވާ ތިންވަނަ ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.