ރެސިޕީ: ޓޫނާ ޕިއްޒާ

ޓޫނާ ޕިއްޒާ--

ބޭނުންވާނެ ތަކެތި

ޕިއްޒާ ފުށްގަނޑު ތައްޔާރު ކުރުމަށް:

 • 600 ގްރާމު ފުށް
 • 7 ގްރާމް އީސްޓް
 • ދޮޅު ޖޯޑު ތާފަނާ ފެން
 • ކުޑަ ހަކުރު ކޮޅެއް
 • 1 ސައިސަމްސާ ލޮނު
 • 1/4 ޖޯޑު އޮލިވް އޮއިލް

ފުށްގަނޑު މޮޑޭނެ ގޮތް

އީސްޓް ކޮޅާއި ހަކުރުކޮޅު ފެން ތައްޓެއްގައި އެއްކޮށްލާށެވެ. ދެން ފުށް ކޮޅާއި ލޮނުކޮޅު އެއްކޮށްލާށެވެ. އޭގެ ތެރެއަށް އީސްޓް މިކްސާ އަދި ތެޔޮ އަޅާ އެއްކޮށްލާށެވެ. ދެން ފުށް މޮޑޭ އެއްޗަކުން ނޫނީ އަތުން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. ފުށްގަނޑު ތައްޔާރު ކުރުމަށްފަހު މަތި ބަންދުކޮށްފައި 30 މިނެޓު ވަންދެން ބާއްވާށެވެ.

ޕިއްޒާގެ މަސްގަނޑު ތައްޔާރު ކުރުމަށް

ބޭނުންވާނެ ތަކެތި

 • 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
 • 1 ދަޅު މަސް
 • 2 ފިޔާ (ތުނިކޮށް ކޮށާފައި)
 • 1 1/2 ޖޯޑު މޮޒެރެލާ ޗީޒް (ގާނާފައި)
 • 1 މިރުސް
 • 3 ލޮނުމެދު
 • 1 ދަޅު ޕީލްޑް ޓޮމާޓޯ
 • 1 ސައި ސަމްސާ މިކްސްޑް ހާބްސް
 • ރަހަލާވަރަށް ލޮނު
 • ކުޑަ ހަކުރު ކޮޅެއް
 • އަސޭމިރުސްކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ތެޔޮފޮދެއްގައި އެއް ފިޔާ މިލުވާލާށެވެ. އޭގެ ތެރެއަށް ލޮނުމެދު އަޅާ އެއްކޮށްލާށެވެ. ދެން ޕީލްޑް ޓޮމާޓޯ ދަޅު އަޅައިގެން ކައްކާލާށެވެ. ކެކެމުންދާއިރު ހަކުރު ކޮޅު އަޅާލަން ވާނެއެވެ. ދެން ކުޅި ރަހަ އަދި ލޮނު ރަހަ ހެޔޮވަރު ކުރާށެވެ.

މަސްދަޅު ފިޔާ އަދި ލޮނު، އަސޭމިރުސް ކޮޅު އަޅައިގެން މޮޑެލާށެވެ.

ޕިއްޒާ ފުށްގަނޑު ދަމާލައި ކުޑަކޮށް ފިހެލާފައި ފުށްގަނޑުގައި ސޯސް އުނގުޅާލާށެވެ. ދެން މަސްގަނޑު އަޅާފައި މައްޗަށް ޗީޒް އަޅައި އޭގެ މައްޗަށް މިކްސްޑް ހާބް ކޮޅު ބުރުވާލައި، ފިހެލާށެވެ.

comment ކޮމެންޓް