މިއަހަރުގެ ވެކޭޝަން އެކްސްޕޯގައި ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން

ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން މި އަހަރުގެ ވެކޭޝަން އެކްސްޕޯގައި --

ޓްރެވަލް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ހައިރައިޒުން ބާއްވާ "ވެކޭޝަންސް އެކްސްޕޯ"ގައި ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (ހަރަބް) ބައިވެރިވާން ނިންމައިފިއެވެ.

ވެކޭޝަންސް އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރުއެވެ. މިއަހަރަކީ މި އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ފަހަކުން ހަތަކަށް، ނޭޝަނަލް އާޓް ގެލަރީގައެވެ.

ހައިރައިޒުން ބުނީ، މި އަހަރުގެ އެކްސްޕޯގައި ބޫޓާންގެ ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން ބައިވެރިވާނެކަން އެފަރާތުން ހައިރައިޒަށް ކަށަވަރުކޮށްދީފައި ވާކަމަށެވެ.

މިއަހަރުގެ އެކްސްޕޯގައި ބޫޓާންގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު، އަދި ތައިލެންޑުގެ ޓޫރިޒަމް ބޯޑުންވެސް ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައި ވާއިރު އެއީ ވެކޭޝަންސް އެކްސްޕޯ އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށް ހައިރައިޒުން ބުންޏެވެ.

ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ އެ އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

ވެކޭޝަންސް އެކްސްޕޯގައި ލަކީޑްރޯއާއެކު އަގުހުރި އިނާމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

މިއަހަރު ބާއްވާ ތިންވަނަ ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް