ކައިވެނިކޮށްގެން ތިބި ބަޔަކަށް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް ދިން: އޮޑިޓް

ރަމަޝާންމަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގެ އެކި ހިސާބުތަކަށް މީހުން ޖަމާވެ ރޯދަ ކުރުކުރުމުގައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އެލަވެންސް، 2015 ވަނަ އަހަރު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، ކައިވެނިކޮށްގެން ތިބި ބައެއް މީހުން ވެސް ހިމެނޭކަން އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެކަން ފާހަގަކޮށްފައިވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެހީ ދިނުމުގައި ފާހަގަކުރެވިފައިވާ ކަންކަން ބަޔާންކޮށް، ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ބައެއް އިދާރާތަަކުން ހިންގާ ތަންތަނާ ބެހޭގޮތުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އޮޑިޓް ސާމްޕަލްގެ ގޮތުގައި ޗެކް ކުރެވުނު ފަރާތްތަކުގެ ތެރެއިން 109 ފަރާތަކަށް، އެ ފަރާތްތައް ކައިވެނިކުރި ފަހުން (ކައިވެނި ކޮށްގެން ތިބި މުއްދަތުގައި) ޖުމްލަ 1.6 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދީފައިވާކަމަށެވެ.

އަދި އެ އެލަވެންސް އެ ފަރާތްތަކަށް ދީފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ކަމުގައި ވާތީކަމެއް އެންސްޕާއިން އޮޑިޓަރުންނަށް ދީފައިވާ ރެކޯޑްތަކުން އެނގެން ނެތް ކަމަށާއި އެ ފައިސާއަކީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ފަރާތްތަކަށް ހައްގުވާ ފައިސާއެއްކަމަށް ނުބެލެވޭ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ލިބެމުންދާ ކުއްޖަކަށް، އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ އެލަވަންސް ހަމަޖައްސައި ނުދެވޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، އެ އުސޫލާ ހިލާފަށް އެ ދެ އެލަވެންސް އެންސްޕާއިން 13،000 ރުފިޔާ، އެއް ފަރާތަކަށް ދީފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ވެލްފެއާގެ ގޮތުގައި ފައިސާ ދެވޭނެ ގަވާއިދެއް ނުވަތަ ބަލާނެ މިންގަނޑެއް ކަނޑައެޅުމެއްނެތި، ބައެއް ފަރާތްތަކުގެ ފެންބިލާއި ރާއްޖެއިންނާއި ރާއްޖޭން ބޭރުން ބޭސް ފަރުވާކުރުމަށާއި ކޯސް ލިބުމުން އަނބިދަރިން ރާއްޖޭން ބޭރަށް ދިއުމަށް ޓިކެޓާއި އިންޝުއަރަންސް ހެއްދުމަށް ފައިސާގެ އެހީ އެންސްޕާއިން ދީފައިވާ ކަމަށެވެ.

އެގޮތުން ވެލްފެއާ އެހީގެ ގޮތުގައި 2015 ވަނަ އަހަރުގައިި 198،808 ރުފިޔާ އެކިއެކި ފަރާތްތަކަށް ދީފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރެވިފައެވެ.

އަދި އެ އެހީ ދީފައިވަނީ ހަމަ ހަގީގަތުގައިވެސް އެފަދަ އެހީއެއް ހައްގުވާ ފަރާތްތަކަށްކަން އެއްވެސް ވަރަކަށް ބަލައި ޔަގީންކޮށްފައި ނޫންކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، އެ އެހީ ދީފައިވަނީ އެފަދަ އެހީއެއް ހައްގުވާ ފަރާތްތަކަށްކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ކަންތައްތަކަށް ބަލައި އޮޑިޓް އޮފީހުން ވަނީ އިތުރަށް ދެވުނު ފައިސާ އެކަމުގައި ޒިންމާވާ ފަރާތުން، އެ ފައިސާ ދެވުނު މީހާގެ އަތުން އަނބުރާ ހޯދުމަށް އެންސްޕާއަށް އަންގައިފައެވެ. އަދި އެ ފަރާތްތަކުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ އެކަމުގައި ޒިންމާވާ ފަރާތުން ނުވަަތަ ފަރާތްތަކުން ހޯދުމަށް އަންގައިފައިވެއެވެ.

comment ކޮމެންޓް