ވިޔަފާރިވެރިންގެ އަޑުއަހައި ހައްލު ހޯދައިދޭނަން: ޖުނައިދު

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު --- ސަން ފައިލް ފޮޓޯ

ވިޔަފާރިވެރިންގެ އަޑުއަހައި ވިޔަފާރިވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިއަދު އައްޔަން ކުރެވުނު މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިންވެސް އެ މަގާމު އަދާކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވާފައި ވަނިކޮށް އަނެއްކާވެސް އެ މަގާމަށް ޖުނައިދު ވަނީ އައްޔަން ކުރައްވައިފަ އެވެ. މިރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖުނައިދު ވިދާޅުވީ އޭނާގެ ދައުރެއްގައި ވިޔަފާރިވެރިންގެ ވާހަކަ އަޑުއަހާ ވިޔަފާރިވެރިންގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ވިޔަފާރިވެރިންގެ ހުންނަ ޝަކުވާތައް އަޅުގަނޑު އަޑުއަހާނަން. ކޮންމެ ވިޔަފާރިވެރިއެއް ވެސް އެބޭފުޅުންނަށް ދިމާވާ ދަތިތަކުގެ ވާހަކަ އަޅުގަނޑުގެ ދައުރެއްގައި އަޑުއަހާނަން،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އޭނާގެ އާއިލާއަކީ ވިޔަފާރު ކުރާ އާއިލާއެއް ނަމަވެސް ވަކި އިސްކަމެއް އެއްވެސް ކަމެއްގައި ނުދޭނެ ކަމަށެވެ. އަދި ތަފާތު ކުރުމެއް ނެތި ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަކަށް ޖުނައިދު އައްޔަނު ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

ޖުނައިދު ވިދާޅުވީ ރައީސް ޔާމީނަކީ އޭނާއާ ވަރަށް ގާތް ރައްޓެހި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ރަހުމަތްތެރިއަކަށް ވެވުނީތީ އުފާ ކުރާ ކަމަށް ވިދާޅުވި އެވެ.

އަދި މިއަދު އޭނާ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށާއި އެހެންވީމަ ގަވައިދާ ހަމައާ އުސޫލުގެ ތެރޭން ރައީސް ޔާމީނަށް ތާއީދު ކުރާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ 2018 އަށް ރައީސް ޔާމީން ހޮވަން އަޅުގަނޑަށް މަސައްކަތް ކުރެވޭނެ އެ އިންނަ މިންގަނޑެއްގެ ތެރޭގައި. އެއީ ހަގީގަތް.،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެއީ ތަރައްގީ އެކަނި ނޫން ކަމަށާއި ދުއްތުރާތައް އާއިލާތެރޭން ރައްޔިތުންގެ ތެރޭން އަދި ބޭރު މީހުންނާ ގުޅިގެން ކުރިމަތި ކުރުވި އިރުވެސް ސާބިތުކަން ދައްކަވާފައިވާ ކަމަށެވެ.

comment ކޮމެންޓް