ރާއްޖެއަށް ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެ ޕޯސްޓް މެދުވަރިކޮށް ރާއްޖެ އެތެރެކޮށްއިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެ ޕޯސްޓުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން ބަލާފާސްކުރުމުގެ ތެރޭގައި، ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލިކުރިއިރު އެތަކެތި މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިހަށް ޕިޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ޕެކިނާއެކު އެތަކެތީގެ ޖުމްލަ ބަރުދަނުގައި 1.070 ކިލޯގްރާމު ހުރިކަމަށާއި މި ތަކެތީގެ މަގުމަތީ އަގަކީ 856،000 ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ޕެކޭޖް ބަލާ ކަސްޓަމްސްއަށް ދިޔަ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުންނާ ހަވާލުކުރެވިފައި ވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަނޑު މަގުންނާއި ވައިގެ މަގުން ވެސް ބޭރުގެ ގައުމުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.
މީގެ ދެ ހަފުތާ ކުރީންވެސް ވަނީ 14 ކިލޯގެ މަސްތުވާ ތަކެއްޗާއިއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ.