ޖަނަވަރީ މަހު ކަސްޓަމްސްގެ އާމްދަނީ، ޑިސެމްބަރަށްވުރެ 14 މިލިއަން ރުފިޔާ ދަށް

އެމްޕީއެލް ސަރަހައްދު: މިދިޔަ ޖަނަވަރީ މަހު 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅައިބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު މޯލްޑިވްސް ކަސްޓަމްސްގެ އާމްދަނީ 14 މިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ޖަނަވަރީގައި 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، އެކްސްޕޯޓުކޮށްފައިވަނީ 144 މިލިއަން ރުފިޔާގެ މުދަލެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރުގައި 5.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު، އެކްސްޕޯޓުކުރީ 116 މިލިއަން ރުފިޔާގެ މުދަލެވެ.

އެހެން ކަމުން ޑިސެންބަރާ އަޅައިބަލާއިރު، އިމްޕޯޓު 600 މިލިއަން ރުފިޔާއިން ދަށްވެ، އެކްސްޕޯޓުވަނީ 28 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ޖަނަވަރީގެ އިމްޕޯޓަށް 600 މިލިއަން ރުފިޔާގެ ދަށްވުމެއް އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުގައި ކަސްޓަމަށްވަނީ 301 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެހެން ނަމަވެސް މި އަހަރުގެ ޖަނަވަރީގައި ލިބިފައިވަނީ 287 މިލިއަން ރުފިޔާއެވެ. މިއީ 14 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޖަނަވަރީގައި އެންމެ ގިނައިން އިމްޕޯޓުކުރި ބާވަތްތައް

  • 960 މިލިއަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް އަދި އިލެކްޓްރިކް ސާމާނު
  • 960 މިލިއަން ރުފިޔާގެ ކާބޯތަކެއްޗާއި، ދުންފަތާއި އޫރުމަހާއި ބަނގުރަލާ
  • 728 މިލިއަން ރުފިޔާގެ އިންޖީނު ތެލާއި އޭވިއޭޝަން ގޭސް
  • 403 މިލިއަން ރުފިޔާގެ ކަރުދާހާއި ޕްރިންޓުކޮށްފައިވާ ތަކެތި
  • 338 މިލިއަން ރުފިޔާގެ ދަގަނޑުގެ ބާވަތްތައް

ޖަނަވަރީގައި އެންމެ ގިނައިން އެކްސްޕޯޓުކުރި ބާވަތްތައް

  • 73 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަބަސް
  • 29 މިލިއަން ރުފިޔާގެ ބަންދުކުރި ކަޅުބިލަމަސް
  • 15 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި
  • 6 މިލިއަން ރުފިޔާގެ ފްލޯސް މީލްސް އެންޑް ޕެލެޓްސް އޮފް ފިޝް
  • 4 މިލިއަން ރުފިޔާގެ ޗިލްޑް ރީނދޫ އުރަހަ ކަންނެލި

ޖަނަވަރީގައި އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓުކުރި ގައުމުތައް

  • އިންޑިއާއިން 1.04 ބިލިއަން ރުފިޔާގެ މުދާ (20 ޕަސެންޓު)
  • ޗައިނާއިން 1.04 ބިލިއަން ރުފިޔާގެ މުދާ (20 ޕަސެންޓު)
  • ޔޫއޭއީން 1 ބިލިއަން ރުފިޔާގެ މުދާ (20 ޕަސެންޓު)
  • މެލޭޝިޔާއިން 421 މިލިއަން ރުފިޔާގެ މުދާ (8 ޕަސެންޓު)
  • ސިންގަޕޫރުން 332 މިލިއަން ރުފިޔާގެ މުދާ (6 ޕަސެންޓު)

ޖަނަވަރީގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ގައުމުތައް

  • ތައިލެންޑަށް 68 މިލިއަން ރުފިޔާގެ މުދާ (47 ޕަސެންޓު)
  • އިނގިރޭސިވިލާތަށް 25 މިލިއަން ރުފިޔާގެ މުދާ (17 ޕަސެންޓު)
  • ވިއެޓްނާމަށް 15 މިލިއަން ރުފިޔާގެ މުދާ (10 ޕަސެންޓު)
  • ބަންގްލަދޭޝަށް 5 މިލިއަން ރުފިޔާގެ މުދާ (4 ޕަސެންޓު)
  • އިންޑިއާއަށް 4 މިލިއަން ރުފިޔާގެ މުދާ (3 ޕަސެންޓު)

ރާއްޖެއަށް އާމްދަނީ ލިބޭ ނިސްބަތް ކެޓަގަރީކޮށްފައި އޮންނަ ގޮތުން އިމްޕޯޓުން ލިބޭ އާމްދަނީ އޮންނަނީ ހަތަރުވަނައިގައެވެ.

comment ކޮމެންޓް