ގިނަ ބަދަލުތަކަކާއެކު އައިއޯއެސް 12 އިއުލާނުކޮށްފި

އެޕަލްގެ އޮޕަރޭޓިންގް ސިސްޓަމް، އައިއޯއެސް 12 އިއުލާނު ކޮށްފިއެވެ.

އިއްޔެ ފެށި އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އައިއޯއެސް12 އިއުލާނުކޮށްފައިވާއިރު މި އަހަރުގެ ފަހުކޮޅު ފޯނުތަކާ ހިސާބަށް އަންނާނެ މި އަޕްޑޭޓާޢެކު އެޕަލްގެ ޔޫޒަރުންނަށް އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭނެއެވެ.

ގްރޫޕް ފޭސްޓައިމް، މެމޯޖީ، ސްކްރީން ޓައިމް އަދި ގްރޫޕްޑް ނޯޓިފިކޭޝަންސް އަކީ އައިއޯއެސް 12އާއެކު އެޕަލްގެ ޔޫޒަރުންނަށް ލިބޭނެ އަޕްޑޭޓްތަކެވެ. އައިއޯއެސް 11ގެ އަޕްޑޭޓް ލިބުނު ހުރިހާ ޑިވައިސްއަކަށްވެސް އައިއޯއެސް 12 އަޕްޑޭޓް ސަޕޯޓު ކުރާނެއެވެ.

އައިއޯއެސް 12އާއެކު ފޭސްޓައިމްގައި އެއްފަހަރާ 32 މީހުންނަށް ބައިވެރިވެވޭނެއެވެ. ވާހަކަދައްކާ މީހާ ސްކްރީނުން ފެންނާނީ ބޮޑުކޮށެވެ. ވާހަކަ ހުއްޓާލުމުން ޝްރިންކް ވާނެއެވެ. ފޭސްޓައިމް ކުރާ އިރު އަމިއްލަ މީހާގެ ބަދަލުގައި ސްކްރީނުން މެމޯޖީ ނޫނީ އެނިމޯޖީ ފެންނަގޮތަށްވެސް ހެދޭނެއެވެ.

އާ އަޕްޑޭޓާއެކު އެޕަލްއިން ވަނީ އެޕަލްގެ "އައިބުކްސް" އެޕަލް ބުކްސްއަށް ރީނޭމްކޮށްފައެވެ. މި ބަދަލާއެކު އެޕަލް ބުކްސް ބޭނުންކުރަން ފަސޭހަވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އައިއޯއެސް އަޕްޑޭޓާއެކު ފޯނުތައް މަސައްކަތްކުރާ މިންވަރު އަވަސް ވެސް ވާނެ ކަމަށް އެޕަލްއިން ބުނެއެވެ. މި ބަދަލާއެކު ބެޓެރީގެ އުމުރުވެސް ދިގުވާނެއެވެ.

އެޕަލްގެ ވާޗުއަލް އެސިސްޓެންޓް، ސިރީއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސިރީ ސަޕޯޓުކުރާ އެޕްތައް ގިނަކޮށް ސިރީގެ އެހީ ލިބޭނެގޮތްތައް ވަނީ އިތުރު ކޮށްފައެވެ. އަމިއްލައަށް ކަސްޓަމައިޒް ކޮށްގެން ސިރީއަށް ބޭނުންވާނެ ކަންތައް "ކިޔައިދީ"، ފަހުން އޭގެ ބޭނުން ކުރެވޭނެއެވެ. ޕާސްވޯޑް ފަދަ އެއްޗެހިވެސް ސިރީ ހަނދާންކޮށްދޭނެއެވެ.

މީގެ އިތުރުން ފޯނު ބޭނުންކުރާ މިންވަރު އަންގައިދޭ ސްކްރީން ޓައިމް ފީޗާއާ އެކު ވަކިވަކި އެޕްލިކޭޝަންތަކުގައި ހޭދަކުރެވޭ ވަގުތުވެސް އަންގައިދޭނެއެވެ.

comment ކޮމެންޓް