އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން އައިފޯން 18 ލައިނަޕްގެ ބައެއް މޮޑެލްތައް އަންނަ ސެޕްޓެމްބަރު މަހު ތައާރަފްކުރަން ތައްޔާރުވަމުން އަންނައިރު، މިފަހަރުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާންމުކޮށް އާ ފޯނުތައް ނުކުތުމުން ކުރީގެ މޮޑެލްތަކުގެ އަގު ހެޔޮވި ނަމަވެސް، މިފަހަރު ސެޕްޓެމްބަރު މަހު ދައްކާލާނީ ހަމައެކަނި "ޕްރޯ" އަދި ފޯލްޑަބަލް މޮޑެލްތައް ކަމަށާއި އާދައިގެ އައިފޯން 18، އައިފޯން އެއާ 2 އަދި އައިފޯން 18 އީ ނެރޭނީ 2027 ގެ ކުރީކޮޅުގައި ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން މެމޮރީގެ އަގުތައް އުފުލުމާ ގުޅިގެން އައިފޯން 18 އަށް މަޑުކުރުމުގެ ބަދަލުގައި މިހާރު ވިއްކަމުންދާ އައިފޯން 17 އަކަށް ބަދަލުވުން މާ ފައިދާ ބޮޑު ކަމަށް ޓެކް މާހިރުން ފާހަގަކުރެއެވެ.
ޓްރެންޑްފޯސްގެ ދިރާސާއަކުން ދައްކާ ގޮތުގައި އައިފޯން 18 ޕްރޯގެ އަގު ކުރީގެ މޮޑެލްތަކަށްވުރެ ގާތްގަނޑަކަށް 38 އިންސައްތަ ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ކުންފުނީގެ އާމްދަނީ ހިފެހެއްޓުމަށްޓަކައި މިހާރު 799 ޑޮލަރަށް ލިބޭ އާދައިގެ އައިފޯން 17ގެ އަގުވެސް އާ މޮޑެލްތައް އިއުލާނުކުރުމަށްފަހު ބޮޑުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އައިފޯން 18 ޕްރޯގެ އަގު ކުރީގެ މޮޑެލްތަކަށްވުރެ ގާތްގަނޑަކަށް 38 އިންސައްތަ ބޮޑުވުމުގެ ފުރުސަތު ބޮޑު ---
މީގެ ކުރިން މިދިޔަ ޖޫން މަހު ވެސް އެޕަލް އިން ވަނީ އައިޕެޑް، މެކް، އެޕަލް ޓީވީ އަދި ހޯމްޕޮޑް ފަދަ އުފެއްދުންތަކުގެ އަގު އުފުލާފައެވެ. އެހެންކަމުން އަގު ބޮޑުވުމުގެ ކުރިން މިހާރު އޮތް އަގުގައި އައިފޯން 17 ގަތުމަކީ ބޮޑު ހޭދައަކުން ސަލާމަތްވެވޭނެ ކަމެކެވެ.
އާ ފޯނުތައް ތައާރަފްކުރުމާއެކު ބާ ފޯނުތައް ޓްރޭޑް-އިން ކޮށްގެން ލިބޭ އަގު ދަށްވުމަކީވެސް އައިފޯން 18 އަށް އިންތިޒާރު ނުކުރަންވީ މުހިންމު ސަބަބެކެވެ. މިހާރު އެޕަލްގެ ޓްރޭޑް-އިން ޕްރޮގްރާމްގެ ދަށުން އައިފޯން 16 ޕްރޯ މެކްސް އަކަށް 720 ޑޮލަރާ ހަމައަށް އަދި އައިފޯން 15 އަކަށް 335 ޑޮލަރާ ހަމައަށް ލިބޭއިރު، އާ ފޯނުތައް ނިކުތުމުން މި އަގުތައް އިތުރަށް ވެއްޓިގެންދާނެއެވެ. އެހެންކަމުން އަތުގައި އޮތް ބާ ފޯނު ވިއްކާލައިގެން ނަމަވެސް އައިފޯން 17 އެއް ހޯދަން މިއީ އެންމެ ރަނގަޅު ވަގުތެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ނެރޭ އައިފޯން 18 ގެ އާދައިގެ މޮޑެލްގެ ކޮލިޓީ ކުރީގެ ފޯނަށްވުރެ ދަށްވެދާނެ ކަމަށް ވެއިބޯގެ ލީކަރެއް ކަމަށްވާ ފިކްސްޑް ފޯކަސް ޑިޖިޓަލް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އައިފޯން 18 ގެ ސްކްރީން ބްރައިޓްނަސް އައިފޯން 17 ގެ 3،000 ނިޓްސް ޕީކް ބްރައިޓްނަސްއަށް ވުރެ ދަށްވުމުގެ އިތުރުން، އާ އޭ20 ޗިޕްގެ ޖީޕީޔޫ ކޯތަކުގެ އަދަދު 4 އަށް މަދުކޮށް، "އީ" ސީރީޒްގެ ފެންވަރަށް ދަށްކޮށްފާނެ ކަމަށް ބެލެވެއެވެ. މިއީ ގްރެފިކްސްގެ ގޮތުން ބަލާއިރު އައިފޯން 17 އަށްވުރެ ދަށް ތަޖުރިބާއަކަށް ވެގެންދާނެ ކަމެކެވެ.
މިހާރު ބާޒާރުގައި ލިބެންހުރި އައިފޯން 17 އަކީ ވަރުގަދަ އޭ19 ޕްރޮސެސަރާއި، އެންމެ ދަށްވެގެން 256 ޖީބީގެ ސްޓޯރޭޖާއި، 120 ހާޓްޒް ޕްރޯމޯޝަން އަދި އޯލްވޭސް-އޮން ޑިސްޕްލޭ ހިމެނޭ ވަރަށް ފުރިހަމަ ފޯނެކެވެ.
މީގެ އިތުރުން ރަނގަޅު ކެމެރާ ސިސްޓަމަކާއި ބޮޑު ބެޓެރީއެއް އެކުލެވިގެންވާ މި ފޯނަކީ އައިއޯއެސް 27 ގެ އެޕަލް އިންޓެލިޖެންސްގެ ހުރިހާ ފީޗާތަކަކަށް ފުރިހަމައަށް ސަޕޯޓްކުރާ ޑިވައިސްއަކަށް ވާތީ، އައިފޯން 18 އަށް އިންތިޒާރު ކުރުމެއް ނެތި މިހާރުން މިހާރަށް އައިފޯން 17 އިޚްތިޔާރު ކުރުމަކީ ބުއްދިވެރި ނިންމުމެކެވެ.