ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އެޕަލްގެ އިވެންޓުގައި އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ދައްކާލާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މި ފޯނުތަކުގެ ޑިޒައިނަށް ފާހަގަކުރެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް ނައެއްކަމަކު، ބޭނުންކުރާ ފަރާތްތަކަށް ކަމުދާނެ މުހިންމު އައު ފީޗާތަކެއް އެކުލެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. ބޮޑެތި ބަދަލުތައް ގެންނާނެކަމަށް ލަފާކުރެވެނީ އެޕަލްއިން އަލަށް ނެރޭ ފަށްޖަހާލެވޭ ނުވަތަ ފޯލްޑަބަލް "އައިފޯން އަލްޓްރާ" އަށެވެ.
މި ފަހަރުގެ ޕްރޯ މޮޑެލްތަކަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ކެމެރާއަށް ގެންނަ ވެރިއަބަލް އެޕާޗާ ފީޗާއެވެ. މިއީ މި ސީރީޒްގައި މި ފީޗާ ހިމެނޭ ފުރަތަމަ ފަހަރަށް ވާއިރު، މީގެ ސަބަބުން ކެމެރާ ލެންސްގެ އެތެރޭގައި ހުންނަ މެކޭނިކަލް ފަތްތަކެއް ބޭނުންކޮށްގެން އަލި ވަންނަ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ. އަނދިރި ތަންތަނުގައި ލެންސް ބޮޑުކޮށްލުމާއި، އަލިގަދަ ތަންތަނުގައި ލެންސް ކުޑަކޮށްލުމުގެ ސަބަބުން ފޮޓޯތަކުގެ ކޮލިޓީ ރަނގަޅުވެ، މޯޝަން ބްލާ އަދި ޑެޕްތް ކޮންޓްރޯލް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

މިފަހަރުގެ ޕްރޯ މޮޑެލްތަކަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ކެމެރާއަށް ގެންނަ ވެރިއަބަލް އެޕާޗާ ފީޗާ ----
މީގެ އިތުރުން ފޯނުގެ ސްކްރީންގައި އިންނަ ޑައިނަމިކް އައިލެންޑްވެސް މިފަހަރު ކުޑަވާނެއެވެ. މިކަން ކުރަނީ ފޭސް އައިޑީގެ ބައެއް ބައިތައް ސްކްރީންގެ އަޑިއަށް ލައިގެންނެވެ. މިއީ އަންނަ އަހަރު ނެރޭނެ ކަމަށް ބެލެވޭ ފުލް ސްކްރީން އެކުލެވޭ އައިފޯން 20 އަށް މަގުފަހިކުރުމުގެ ގޮތުން ގެންނަ ބަދަލެކެވެ.
އައިފޯން 18 ޕްރޯ ސީރީޒްގެ ކުލަތަކާއި ޑިޒައިނަށްވެސް ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. އައިފޯން 17 ޕްރޯގެ ކޮސްމިކް އޮރެންޖް ކުލައިގެ ބަދަލުގައި، މިފަހަރު އެންމެ ޚާއްސަ ކުލައެއްގެ ގޮތުގައި ފެންނާނީ ޑާކް ޗެރީ ނުވަތަ ބާގަންޑީ ކުލައެވެ. މީގެ އިތުރުން ލައިޓް ބްލޫ، ސިލްވަރު އަދި ޑާކް ގްރޭ ކުލަވެސް ހިމެނޭނެކަމަށް ބެލެވެއެވެ. އަދި ފޯނުގެ ފަހަތުގައި މިހާރު ހުންނަ ޓޫ-ޓޯން ޑިޒައިންގެ ބަދަލުގައި މުޅި ފޯނުގެ ފަހަތް އެއްވަރަކަށް ހުންނަ ޔުނިފައިޑް ޑިޒައިނަކަށް ބަދަލުކުރާނެއެވެ.
މި ފޯނުތަކުގައި ބޭނުންކުރާނީ ޓީއެސްއެމްސީގެ 2 ނެނޯމީޓަރުގެ ޑިޒައިނަށް ތައްޔާރުކޮށްފައިވާ އެޕަލްގެ އޭ20 ޕްރޯ ޗިޕެވެ. މީގެ ސަބަބުން ޗިޕުގައި 15 އިންސައްތަ އިތުރަށް ޓްރާންސިސްޓާ ހިމެނި، ފޯނުގެ ސްޕީޑް އަވަސްވުމުގެ އިތުރުން ބެޓެރީ ބޭނުންކުރާ މިންވަރު 30 އިންސައްތަ ދަށްވާނެއެވެ. އަދި ވޭފާ-ލެވެލް މަލްޓި-ޗިޕް މޮޑިއުލް ޓެކްނޮލޮޖީގެ ސަބަބުން އޭއައި ޓާސްކްތަކަށާއި ގޭމް ކުޅުމަށް ފޯނުގެ ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ.
ބެޓެރީއަށް ބަލާއިރު، އައިފޯން 18 ޕްރޯ މެކްސްގެ ބެޓެރީ 4,823 އެމްއޭއެޗް އިން 5,391 އެމްއޭއެޗް އަށް ބޮޑުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އައިފޯން 18 ޕްރޯގެ ބެޓެރީއަށް އަންނާނީ އެންމެ އެއް އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް އައު އޭ20 ޗިޕާއި ސީ2 މޮޑެމްގެ ސަބަބުން ދެ ފޯނުގެވެސް ބެޓެރީ ލައިފް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
އައު ސީ2 މޮޑެމްގެ ސަބަބުން ނެޓްވޯކް ކަވަރޭޖް ދަށް ސަރަހައްދުތަކުގައި ފޯނުގެ ކަނެކްޝަން ރަނގަޅުވެގެންދާނެއެވެ. އަދި ސެޓެލައިޓް މެދުވެރިކޮށް 5ޖީ ލިބޭނެ ގޮތްވެސް މި ސީރީޒްގައި ހަމަޖެހިގެންދާނެކަމަށް ބެލެވެއެވެ.
މީގެ އިތުރުން ފޯނުގެ ކެމެރާ ކޮންޓްރޯލް ބަޓަނަށް ގެންނަ ބަދަލުތަކާއެކު، ބޭނުންކުރަން އުނދަގޫ ޓަޗް-ސެންސިޓިވް ބައިތައް އުނިކޮށް، ބޭނުންކުރަން ފަސޭހަ ގޮތަކަށް އެ ބަޓަން އަލުން ފަރުމާކުރާނެއެވެ.
މުޅިން އައު ފޯލްޑަބަލް އައިފޯން ނެރެން ތައްޔާރުވަމުންދިޔަ ނަމަވެސް، އެ ފޯނުގައި ޓެލެފޮޓޯ ޒޫމް އަދި ފޭސް އައިޑީ ފަދަ މުހިންމު ފީޗާތަކެއް ނުހިމެނޭނެކަމަށް ލަފާކުރެވެއެވެ.
އެހެންކަމުން ވޭރިއަބަލް އެޕާޗާ ކެމެރާއާއި، އަވަސް އޭ20 ޗިޕް އަދި ބޮޑު ބެޓެރީއަކާއެކު އަންނަ އައިފޯން 18 ޕްރޯ ސީރީޒަކީ އާންމު ޑިޒައިންގެ ސްމާޓްފޯނު ބޭނުންވާ ފަރާތްތަކަށް މިއަހަރު ލިބޭނެ އެންމެ ފުރިހަމަ އެއް ފޯނަށް ވެގެންދާނެއެވެ.