ބޭރު ކަރަކަރާގައި ތިބެގެން ސްކައިޕް މެދުވެރިކޮށް ރައްޔިތުންގެ ހާލެއް ނުބެލޭނެ: އަދުރޭ

މެއި 11، 2018: ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި "ހެސްކިޔާފަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރު ކަރަކަރާގައި ތިބެގެން ސްކައިޕް އަދި ވަޓްސްއެޕް މެދުވެރިކޮށް ރައްޔިތުންގެ ހާލު ނުބެލޭނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާތެރޭގައި ޕީޕީއެމްއިން އަތޮޅުތަކަށް ކުރެއްވި ޒިޔާރާތައް ފަހު އެ ދަތުރުތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން އަދުރޭ މިއަދު "ސަން"އަށް ވިދާޅުވީ ބައެއް ބޭފުޅުންނަށް ރައްޔިތުންގެ ހާލު ބެލޭނީ ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކަމަށް ހީފުޅުވެފައި އޮންނަ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އެހެން ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ އެމީހުންގެ ގާތަށް ގޮސް އެމީހުންގެ އަޑު އަހާނެ ވެރިއެއް ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހާލު ބެލޭނީ ރައްޔިތުންގެ ގާތައް ގޮސްގެން. އޯގާތެރިކަމާއި ހިތްހެޔޮކަމާއި އިހުލާސްތެރިކަމާއެކު އެމީހުންގެ ވާހަކަ އަޑު އަހައިގެން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނީ ބޭރު ކަރައެއްގައި ހުރެގެން ކޮށްލާ ސްކައިޕް ކޯލަކުންކަން ގަބޫލުކުރުމަކީ ކޮށި ވިސްނުމެއް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއިން ރައްޔިތުންގެ ހާލު ބަލަނީ ވީހާވެސް އެ ރައްޔިތުންނާ އެންމެ ގާތުން ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވި އިރު، ހުކުމް އިއްވާފައިވާ ބައެއް ސިޔާސީ ލީޑަރުން ގެންދަވަނީ ރާއްޖެއިން ބޭރުގައި ތިއްބަވައި، ސްކައިޕާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ރައްޔިތުންނާ ބައްދަލުކޮށް، ވާހަކަ ދައްކަމުންނެވެ.

comment ކޮމެންޓް