ފަރެސްމާތޮޑާ އެއާޕޯޓް އަޅަން ހަތަރު މިލިއަން ޑޮލަރުގެ ލޯނެއް އުއްޗު ސަރުކާރަށް ދީފި

ހުރަވަޅި ރިސޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްޗު ރައީސް އަރިހުގައި ---

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ހަތަރު މިލިއަން ޑޮލަރު، (61.68 މިލިއަން ރުފިޔާ) ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ލޯނުގެ ގޮތުގައި ސަރުކާރަށް ދީފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތަށް އުއްޗު ސަރުކާރަށް ދިން ލޯނަކީ އެއްވެސް އިންޓަރެސްޓަކާ ނުލައި ދިން ލޯނެއް ކަމަށެވެ.

"ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދައްކާ ގޮތަށް ދިން ލޯނެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ދަތިވާ ވަގުތުތަކުގައި އުއްޗުގެ އެހީތެރިކަން އަބަދު ވެސް ލިބޭ ކަމަށެވެ.

އުއްޗު ހިއްސާވާ ކުރެއްދޫ ހޯލްޑިންގްސް އަށް މިދިޔަ ހަފްތާ ވަނީ ޅ. މަޑިވަރުގައި އެއާޕޯޓެއް ތަރައްގީކުރަން ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް