ދެހާސް ސޯޅަވަނަ އަހަރު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި އޮމާންގެ ގައުމީ އެއާލައިން އޮމާން އެއާ، ރާއްޖެއަށް ދަތުރުކުރަން އަލުން ފެށުމަށް ނިންމައިފިއެވެ.
އޮމާން އެއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2009 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ވެރިރަށް މުސްކަޓާއި މާލެއާ ދެމެދުގައެވެ. ދެހާސް ސޯޅަވަނަ އަހަރާ ޖެހެންދެން އެކި ފަހަރު މަތިން އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުން މެދުކަނޑާލާފައި ވެއެވެ.
ނަމަވެސް 2016 ވަނަ އަހަރު ދަތުރުތައް ހުއްޓާލާ ފަހުން ދެން އަލުން ރާއްޖެ ދަތުރުކުރުމަށް އޮމާން އެއާއިން ރާވާފައި ނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެސް ބުންޏެވެ. ރާއްޖޭގައި ހުންނެވި އޮމާން އެއާގެ ކަންޓްރީ މެނޭޖަރވެސް ވަނީ މިކަން "ސަން"އަށް އޭރު ކަށަވަރު ކޮށްދީފައެވެ.
އެހެން ނަމަވެސް ފްރާންސްގެ އެއާ ޖާނަލްގައި، އޮމާން އެއާގެ ސީއީއޯ އަބްދުލްއަޒީޒު އަލް ރައިސީއާ ހަވާލައިދީ ރިޕޯޓުކޮށްފައި ވަނީ، އޮމާން އެއާއިން ރާއްޖެއަށް ދަތުރުތައް އަލުން ފެށުމަށް ނިންމާފައި ވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ މުސްކަޓާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާނެކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
އޮމާން އެއާއިން ވަނީ ބޮއިންގް 7373 މެކްސް8 މަރުކާގެ 30 މަތިންދާބޯޓަށް އޯޑަރު ދީފައެވެ. އޭގެ ތެރެއިން ފުރަތަމަ ފަސް އެއާކްރާފްޓް މިއަހަރު ނިމުމުގެ ކުރިން ލިބޭނެކަމަށް ލަފާކުރާ އިރު، ރާއްޖެއަށް ބާއްވާ ދަތުރުތައް ކުރަން ވެސް ހަމަޖެހިފައިވަނީ އޭގެ ބޯޓެއްގައެވެ. އެ ބޯޓުގައި ބިޒްނަސް ކްލާހުގެ 12 ސީޓާއި އިކޮނޮމީ ކްލާހުގެ 150 ސީޓު ހުންނާނެއެވެ.
އޮމާން އެއާގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައިސީ ވިދާޅުވީ، ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"ޔޫރަޕަށް ނިސްބަތްވާ ބޭފުޅުން އަޅުގަނޑުމެންގެ އެއާލައިނުން އޮމާން އެއާ މެދުވެރިކޮށް ދިވެހިރާއްޖެއަށް ދާ މަގުމަތީގައި އޮމާންގައި މަޑުކޮށްލައި، އޮމާން ތަޖުރިބާކޮށްލަން އަޅުގަނޑު ބާރު އަޅަން. މި ފަށާ އާ ރޫޓުގެ ސަބަބުން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާ ދިމާލަށް ދިއުމުގެ ކުރިން އޮމާންގެ ވެރިރަށް މުސްކަޓް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެ،" އެ އެއާލައިނުގެ ސީއީއޯ އަލް ރައިސީ ވިދާޅުވިއެވެ.
އޮމާން އެއާއިން މި މަސް ފެށުމާ އެކު ވަނީ ތުރުކީގެ ވެރިރަށް އިސްތަންބުލްއަށް ދަތުރުތައް ފަށާފައެވެ. އަދި އަންނަ މަހު މޮރޮކޯގެ ކަސަބްލަންކާ (ދާރުލް ބައިޟާ)އަށާއި، އޮކްޓޫބަރު މަހުގެ ފަހުކޮޅު ރަޝިއާގެ މޮސްކޯއަށް ވެސް ދަތުރުތައް ފަށާނެއެވެ.