އޮމާން އެއާއިން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި

އޮމާން އެއާގެ ބޯޓެއް -- ފޮޓޯ/ ޕްލޭން ސްޕޮޓާސް

އޮމާންގެ ގައުމީ އެއާލައިން އޮމާން އެއާއިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލައިފި އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފަށައިގެން އޮމާން އެއާއިން ދިޔައީ އޮމާންގެ ވެރިރަށް މަސްކަތާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

މީގެ ކުރިން އެކި ފަހަރު މަތިން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މެދު ކަނޑާލުމަށް ފަހު އަލުން ފަށައިފައިވެ އެވެ. އެހެން ނަމަވެސް އޮމާން އެއާއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތުދޭ ގޮތުގައި، މިފަހަރު އޮމާން އެއާގެ ދަތުރުތައް ހުއްޓާލުމަށް ފަހު ދެން ރާއްޖެ އަށް ދަތުރުތައް ކުރުމަށް އެ އެއާލައިނުން ރާވައިފައެއް ނުވެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އޮމާން އެއާގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ގިހާން ކަރުނަރަތުނަ ވިދާޅުވީ، މި އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު އޮމާން އެއާއިން ރާއްޖެ އަށް ކުރާ ދަތުރުތައް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އަދި އަލުން ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ވިސްނުމެއް އެ އެއާލައިނުން ނުގެންގުޅޭ ކަމަށް އޮމާން އެއާގެ ކަންޓްރީ މެނޭޖަރު "ސަން" އަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރާ ދަތުރުތައް އެ އެއާލައިނުން ހުއްޓާލުމަށް ނިންމީ ވިޔަފާރީގެ ސަބަބުތަކަށް ޓަކައި އެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަން ކަންޓްރީ މެނޭޖަރު ވިދާޅެއްނުވެ އެވެ.

އޮމާން އެއާއިން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައި، އިތުރަށް ދަތުރު ކުރުމުގެ ޚިޔާލު ނުކުރާ ކަމަށް އެ އެއާލައިނުގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ގިހާން ކަރުނަރަތުނަ ވިދާޅުވި ނަމަވެސް، އޮމާން އެއާގެ ރާއްޖޭގެ އޮފީހުގެ މުވައްޒަފުން ބުނީ އޮމާންއާ ރާއްޖެއާ ދެމެދު، ސްރީލަންކާގެ ކޮލޮމްބޯ މެދުވެރިކޮށް ދަތުރުތައް ފަށާނެ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް "ސަން" އަށް ވިދާޅުވި ގޮތުގައި، ބައެއް އެއާލައިންތަކުން ރާއްޖެ އަށް ދަތުރުތައް ހުއްޓާލި ނަމަވެސް، އެހެން އެއާލައިންތަކުން ރާއްޖޭގައި އެ އެއާލައިންތަކުގެ ދަތުރުތައް އިތުރު ކުރަމުންދެ އެވެ.

"އެ އެއާލައިންތައް ސްޓްރޯންގް ނުވީމަ އެފަރާތްތަކުން ހުއްޓާލަނީ. އެއް އެއާލައިނުން ހުއްޓާލި އިރު، އެމިރޭޓްސް، ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް ކަހަލަ އެއާލައިންތައް އިތުރަށް ގްރޯ ވަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް