ފްލެޓް ފޯމު ހުށަހަޅަން ނަންބަރު ނަގަން ކިއުގައި ޖެހޭކަށް ނުޖެހޭނެ!

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ފޯމު ނެގުމަށް ދަރުބާރުގެއަށް ޖަމާވެފައި - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ، ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓަށް އެދޭ ފަރާތްތަކުގެ ފޯމުތަށް ބަލައިގަންނަށް ފަށާ ދުވަހެވެ. އެހެންކަމުން މިހާރުވެސް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދާނީ، އަވަހަށް ފޯމުހުށަހަޅައި އެކަމުން ހިތަށް ހަމަޖެހުން ލިބުމަށެވެ.

މިފަދަ ދަނޑިވަޅު ތަކުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތި ވަނީ، ގިނަ ބަޔަކު އެއްފަހަރާ އެއްތަނަށްކަށް ތޮއްޖެހޭން މެދުވެރިވާތީއެވެ.

ބޯހިޔާވަހިކަމަކީ ދިވެހީންގެ އެންމެ އަސާސީ އެއް ބޭނުމަށް ވެފައިވާއިރު، މާދަމާ ފްލެޓް ފޯމު ހުށަހަޅަން މިހާރުވެސް ގިނަ ބަޔަކު ތިބޭނީ ކެތްމަދުވެފައެވެ. އެހެންކަމުން މާދަމާ ފްލެޓް ފޯމު ހުށަހަޅަން ނަންބަރު ހޯދުމަށް ހަދާނޭ ގޮތަކާ މެދު މިހާރުވެސް ގިނަ ބަޔަކު ވިސްނަމުންދާނެއެވެ. ސަބަބަކީ، ފްލެޓް ފޯމު ދޫކުރި ދުވަހުގެ ހަނދާންތައް އަދިވެސް ކުރިމަތީގައި ފެންނާން ހުރުމުންނެވެ.

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓް ފޯމު ބަލައިގަތުމަށް، ވީ އެންމެ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅުމަށް ދޫކުރާ ނަންބަރު ނެގުމަށް ކިއުގައި ޖެހެން ނުޖެހޭނޭ ގޮތް ހެދުމަށް އެ މިނިސްޓްރީން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ޓޯކެން ދޫކުރުމަށް ބޭނުންކުރާނީ އެންމެ ޒަމާނީ ވަސީލަތްތައް. އެގޮތުން، މީރާ، ޕޯސްޓް އޮފީސް ފަދަ ތަންނުން މިހާރުވެސް ބޭނުންކުރަމުންދާ ކިއުބީ އެޕް ބޭނުންކުރާނީ،" ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ސަންއަށް ވިދާޅުވިއެވެ.

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަޒާލް ވިދާޅުވީ، މާދަމާ ހެނދުނު 10:30ގައި ދަރުބާރުގޭގައި ފޯމު ބަލައިގަންނަން ފަށާއިރު، ނަންބަރު ދޫކުރާން ފަށާނީ ހެނދުނު 10:00ގައި ކަމަށެވެ. ނަންބަރު ދޫކުރާނީ ހަމައެކަނި ކިއުބީން ނޫން ކަމަށާއި އެހެން ނަމަވެސް، އެޕް ބޭނުންކޮށްގެން ނަންބަރު ނެގޭ ފަރާތްތަކުން އެ ވަސީލަތް ބޭނުން ކުރާނަމަ، ދެފަރާތަށް ވެސް ވަރަށް ބޮޑު ލުއިފަސޭހަ ލިބިގެން ދާނޭ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ހަމަ، ހުރިހާ ބޭފުޅުންވެސް ކިއުބީ އެޕް ބޭނުންކުރަން. ދެން އެޕް ބޭނުން ކުރެވޭނޭ ގޮތެއް ނެތް ބޭފުޅެއް ނަމަ ނަންބަރު ނަންގަވަން ވަޑައިގަންނަވަންވީ ދަރުބާރުގެއަށް. އެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނީ."

ފްލެޓް ފޯމު ބަލައިގަތުމަށް މިފަހަރު ކިއުބީ ބޭނުންކޮށްގެން ޓޯކެން ދޫކުރާނެ-- ފޮޓޯ: އަލީ ރިފްޝާން

ކިއުބީ އަކީ ސްމާޓް ފޯން ބޭނުންކޮށްގެން ކިއު ނަންބަރު ދޫކޮށް، މޮނިޓަރކުރާ އެޕްލިކޭޝަނެކެވެ. މިއީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުގައި ވެސް ބޭނުން ކުރެވޭ އެޕްލިކޭޝަނެކެވެ.

ކިއުބީން ޚިދުމަތް ހޯދާ ފަރާތްތަކަށް، ނަންބަރު ނެގުމަށް ފަހު، ތިމާގެ ކުރިއަށް ކިއުގައި ކިތައް މީހުން ތިބިކަމާއި، ޚިދުމަތް ދެމުންދާ ސްޕީޑް ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި ކިއު ނަންބަރު ކައިރިވުމުން، ފޯނަށް ނޮޓިފިކޭޝަން ލިބޭގޮތަށް ހަދާފައިވާ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ޚިދުމަތް ހޯދުމަށްޓަކައި ގިނަ ވަގުތުތަކެއް އެތަނެއްގައި ގޮސް ހުރުމުގެ ބަދަލުގައި ކިއުގައި މަޑުނުކޮށް ތިމާގެ އެހެން ކަންކަމަށްވެސް ވަގުތު ހޭދަކޮށްލެވޭނެއެވެ.

comment ކޮމެންޓް