ހިތަށް ވެސް ނާރާ މޮޅު އުފެއްދުންތަކާއި ޓެކްނޮލޮޖީއާއެކު މުޅި ޒަމާން މި ވަނީ ބަދަލުވެފައެވެ. މިއަދުގެ ދުނިޔޭގައި އެކަހެރިވާން ބޭނުން ނޫންނަމަ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކު ވެސް އެ ޓެކްނޮލޮޖީއާ ފައިހަމަ ކުރަން މި ވަނީ މަޖުބޫރުވެފައެވެ.
އެހެންނަމަވެސް މި މުޖުތަމައުގައި ދިރިއުޅޭ އިސްރަށްވެހީންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އެ މީހުންގެ ދަރިންނާއި، މާމަ ދަރިންނާއި މުނިމާމަ ދަރީން ވެސް ފަރިތަކަމާއެކު ލެޕްޓޮޕާއި ފޯނާއި އައިޕެޑާއި، ޕްލޭސްޓޭޝަނަށް އެހާމެ ފަރިތަ ނަމަވެސް އެ މާމައިންނާއި ކާފައިންނަށް އެއީ މުޅިން އާ އެއްޗެކެވެ.
ސޯޝަލް މީޑިއާއިން މިއަދު ގިނަ ބައެއްގެ ސަމާލުކަން ހޯދި ވީޑިއޯއަކުން ފެންނަނީ މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ޝިޔާމް އަހްމަދު އޭނާގެ އުފަން ރަށް، ހއ. މާރަންދޫގެ އުމުރުން ދުވަސްވީ މީހުންނަށް މި އިޖްތިމާއީ އެކަހެރިކަން ފިލުވައިލަދިނުމަށް އެ މީހުންނަށް ވެސް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެކަން ހާމަކޮށްދޭ މަންޒަރެވެ.
"ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ޒަމާނެއްގައި އަޅުގަނޑުމެންނާއެކު ދިރިއުޅެމުން އަންނަ ޓެކްނޮލޮޖީއާ މުޅިން ދުރުގައި މުޅި ހަޔާތް ވޭތުކޮށްފައިވާ މުސްކުޅި ޖީލެއް އިހުސާސްކުރާނެ އިޖްތިމާއީ އެކަހެރިކަމާއި ހުސްކަމާމެދު ވިސްނާ ފިކުރުކޮށްލުން ކީއްތޯ،" އޭނާ ބުނެއެވެ.
މި ވީޑިއޯގައި ފެންނަނީ މާރަންދޫގެ އެންމެ މުސްކުޅި ހަތަރު އިސްރަށްވެއްސަކު ލެޕްޓޮޕެއް ބޭނުންކުރާ މަންޒަރެވެ. ދުވަހަކު ވެސް ކޮމްޕިއުޓަރެއްގައި އަތްލައިފައި ނުވާ އެ މާމައިންނާއި ކާފައިން މުޅިން އަލަށް ލެޕްޓޮޕުގައި އަތްލިއިރު އެ މީހުންގެ މޫނުމަތިން ފެނުނީ ޝައުގުވެރި މަންޒަރެކެވެ.
ގާތްގަނޑަކަށް 30 މިނެޓުގެ ފަރިތަކުރުންތަކަށްފަހު މައިކްރޮސޮފްޓް ޕެއިންޓް ބޭނުންކޮށްގެން ފަހަރަކު ބައްޓަމެއް ނެގުމަށްފަހު އޭގެން ދިވެހި ދިދަ އެ އިސްރަށްވެހިން ކުރަހައިލައެވެ.
އަދި ފަޚުރުވެރިކަމާއެކު ފުރިހަމަ ހިނިތުންވުމަކާއެކު އެ ކުރެހުން ދައްކައިލައެވެ.
ޝިޔާމް އޭނާގެ ފޭސްބުކްގައި މި ވީޑިއޯ ހިއްސާކޮށް ކުރި ޕޯސްޓުގައި ބުނި ގޮތުގައި މި ވީޑިއޯ ހެދުމުގެ ތެރެއިން އޭނާއަށް ހޭދަކޮށްލަން ލިބުނު ވަގުތަތަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ވަގުތުތަކެއް ނޫނެވެ.
"އެ މާމަމެންނާއި ކާފަގެ މޫނުމަތިން ފާޅުވި އުފާވެރިކަމާއި ކުރަމުންދިޔަ އިޙްސާސްތައް ވަރަށް ގާތުން ފެނުމުގެ ފުރުސަތު ލިބި، އަޅުގަނޑުގެ ހިތް ވެސް އުފަލުން ފޮޅުނު،" އޭނާ ލިޔެފައިވެއެވެ.
މިއީ ނޭނގި ނަމަވެސް މިފަދަ އެތައް ކަމެއްގައި އެކަހެރިކުރެވި ހަވާސާވެފައިވާ އިސްރަށްވެހިންތަކަކަށް ޝިޔާމްގެ ފަރާތުން ލިބުނު އުފާވެރި ކަމަކާއި ހިތްހަމަޖެހުމެކެވެ.
ހަމައެއާއެކު އިސްރަށްވެހިންނަކީ ވެސް ޒަމާނީ ޓެކްނޮލޮޖީއާ އެއް ހަމައަށް ވާސިލްވެވޭނެ ބައެއްކަން ހާމަކޮށްދޭ ކަމެކެވެ.