އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އަރުވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަސްލަމާއި، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު އަރުވަނީ --- ފޮޓޯ/ އެމްޑީޕީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ފަރާތުން މިއަދު އަރުވައިފި އެވެ.

އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓް ނަޝީދަށް އެރުވީ ޗެއާޕާސަން ހަސަން ލަތީފެވެ. ނަޝީދުގެ ފަރާތުން ޓިކެޓާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވުމުގެ ޓިކެޓް ނަޝީދަށް ލިބިވަޑައިގަތީ، މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.

ސިވިލް ކޯޓުގެ އަމުރަކުން ހުއްޓާލަން އަންގާފައި ވަނިކޮށް ވެސް، ބޭއްވި އެ ޕްރައިމަރީގައި ރިޔާސީ ޓިކެޓް ނަޝީދު ކަށަވަރު ކުރެއްވީ 43922 ވޯޓުން ކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ޤާނޫނުތަކާ ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއްކަން ފާހަގަކޮށް، އެ ޕްރައިމަރީ ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހައި އެމްޑީޕީން އެފަދަ ސިޔާސީ ޚަރަކާތެއް ކުރިއަށް ގެންގޮސްފައި ވާތީ އެޕާޓީއާ މެދު ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް