މޮޅަދޫ ގޮނޑުދޮށަށްވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ލައްގައިފި

މޮޅަދޫ ގޮނޑުދޮށުން މިއަދު ފެނުނު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ބަންދުކޮށްފައިވާ ޕެކެޓެއް -- ފޮޓޯ/ ކިޔުންތެރިއެއް

ހއ. މޮޅަދޫ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގައިފިއެވެ.

މޮޅަދޫ ގޮނޑުދޮށަށް މިފަދަ އެއްޗެހިތަކެއް ލައްގާފައި ވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ހއ. އުލިގަމަށް ވެސް ވަނީ މިފަދަ އެއްޗެހިތަކެއް ލައްގާފައެވެ.

"ސަން" އާ ވާހަކަ ދައްކަމުން މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، މަސްތުވާތަކެތިކަމަށް ލަފާކުރެވޭ ބޮޑު ޕެކެޓެއް މިއަދު ހެނދުނު 7:00 ހާ އިރު އެރަށު ގޮނޑުދޮށުން ފެނިގެން ރަށު ކައުންސިލަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

https://sun.mv/106266

މިތަކެތި ފެނިގެން ރިޕޯޓުކުރީ އެރަށުގެ ދެ އަންހެނެކެވެ. ރިޕޯޓުކުރުމާ އެކު ހއ. އިހަވަންދޫއިން ފުލުހުން އެރަށަށް އައިސް ބެލި ބެލުމުން، އެފަދަ އިތުރު ޕެކެޓެއް ވެސް ފެނިފައި ވާކަމަށް މޮޅަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ، މޮޅަދޫއިން ފެނުނު ތަކެތި މިހާރު އިހަވަންދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށާއި، ނަމަވެސް އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.

މޮޅަދޫއާއި އުލިގަމަށް މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ އެއްޗެހިތަކެއް ލައްގާފައި ވާ އިރު، މިތަކެއްޗަކީ ބުރާސްފަތި ދުވަހު ހއ. އިންނަފިނޮޅުގެ ފަރަށް އެރި ބޯޓެއްގައި ހުރި ތަކެތި ކަމަށް ބެލެވެއެވެ.

https://sun.mv/106274

ބުރާސްފަތި ދުވަހުގެ ހެނދުނު ފަރަށް އެރީ އިރާނުގެ ބޯޓެއްކަން އެނގިފައިވެއެވެ. އަދި އޭގައި ތިބީ އިރާނަށް ނިސްބަތްވާ އަށް ފަޅުވެރިއެކެވެ. "ސަން"އާ ވާހަކަދައްކަމުން އެ ދުވަހު ވަދާ ނުކުމެ އުޅުނު އުލިގަމުގެ ޒުވާނަކު ބުނީ، އިންނަފިނޮޅު ފަރަށް އެ ބޯޓު އަރާފައި އޮތް އިރު، އެހީއަށް ވެސް ގޮވާނުލާ ކަމަށެވެ.

އަދި ކޯސްޓްގާޑުން އެސަރަހައްދަށް ގޮސް، ބޯޓާ ގާތްވުމުން އޭގައި ތިބި ފަޅުވެރިން، ބޯޓުގައި ރޯކޮށްލުމަށްފަހު ކަނޑަށް ފުންމާލީ ކަމަށް އުލިގަމުގެ ޒުވާނާ ބުންޏެވެ.

"އަށް މީހަކު ފުންމާލީ ކަނޑަށް. އެމީހުންނަށް ލައިފްޖެކެޓް ދީގެން ސިފައިން އެމީހުން އެރުވީ ސިފައިންގެ ލޯންޗަށް،" އޭނާ ބުންޏެވެ.

ފުލުހުން ވަނީ ބޯޓުގައި ރޯ ނުވާ ބައި ބަލައި ފާސްކޮށްފައެވެ. އޭގެން ފުލުހުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައެވެ.

comment ކޮމެންޓް