ހއ. އުލިގަމު ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
"ސަން" އާ ވާހަކަ ދައްކަމުން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޒިޔާދު ހަސަން ވިދާޅުވީ މިރޭ އިރުއޮއްސުނު ފަހުން އުލިގަމު ގޮނޑުދޮށަށް ގޮތްނޭނގޭ އެއްޗެހިތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށެވެ. އަދި މިހާރުވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތެރިވަމުންދާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ގިނަ އަދަދަކަށްއެއްޗެހި ލައްގަމުންދާ ކަމަށާއި ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން އެ ރަށު ގޮނޑުދޮށުގެ އިތުރުން އެ ރަށު ކަނޑުގެ ސަރަހައްދުވެސް ބަލަމުންދާ ކަަމަށެވެ.

ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޯޓު: އެ ބޯޓުގައި ރޯކޮށްލުމަށްފަހު އޭގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައި --ފޮޓޯ: އެމްއެންޑީއެފް
"ސަން" އަށް އެނގިފައިވާ ގޮތުގައި އުލިގަމު ގޮނޑުދޮށަށް ލައްގަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެކެވެ. އަދި އެއްޗެހިތައް ހުރީ ވަރަށް ބޮޑަށް އަނދާފައެވެ.
އުލިގަމަށް ގޮތްނޭނގޭ އެއްޗެހިތަކެއް ލައްގަމުންދާއިރު ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޯޓެއްގައި ރޯކޮށްލައި އޭގައި ތިބި ފަޅުވެރިން ސިފައިންނަށް ފިލަން މިއަދު ވަނީ ކަނޑަށް ފުންމާލާފައެވެ. އަދި ބޯޓުގައި ރޯކޮށްލި އަލިފާން ސިފައިން ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ބޯޓު ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.