މާޒިޔާއާއި ގްރީންގެ މެޗަށް އަނެއްކާވެސް ހަމަހަމަ ނިމުމެއް

މާޒިޔާއާއި ގްރީން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްގެ ކުރިމަތިލުންވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުވެސް ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. ކޯނަރަކުން ލިބުނު ފުރުސަތުގައި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ހަމަލާ، ގްރީންގެ އޭރިއާ ތެރެއިން އަސްހަދު އަލީ (އަޑުބަރޭ) ފައިގައި ޖެހި މިސްރާބު ބަދަލުވެގެން އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ގްރީންގެ އަލީ ނަސޫހަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާގެ ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މާޒިޔާއާއި ގްރީން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނެގީ ގްރީންއިންނެވެ. މާޒިޔާގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނެލްޓީ ގްރީނަށް ކާމިޔާބު ކޮށްދިނީ ރޮލެންޑް ރަސެލްއެވެ. އެއީ އޭނާ ލީގުގައި ޖެހި 11 ވަނަ ގޯލެވެ.

ގްރީންއިން ލީޑު ނެގުމަށްފަހު ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މާޒިޔާއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހާއްސަކޮށް ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ހަމަލާތައް އުފައްދަން މަސައްކަތް ކުރިކަން ފާހަގަކޮށްލެވުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މާޒިޔާގެ އަރިމަތިން ފަހަތަށް ކުޅެމުން އައި މުޖުތާޒު މުހައްމަދު (މުޖޭ) ނަގައިދިން ހުރަސް ފަސޭހަކަމާއެކު ގޯލަށް ވައްދާލީ ކޯނެލިއަސް ސްޓެވާޓެވެ.

މާޒިޔާއާއި ގްރީން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މާޒިޔާގެ ގޯލަށްފަހު އެޓީމުން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ނާއިޒް ހަސަން (ދާދު) ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވުނެވެ. ދާދުގެ ފުރަތަމަ ހަމަލާ ގްރީންގެ ކީޕަރު ސާގީ ސްމޮރޮދިން ދިފާއުކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. އެގޮތުން ހާފްގެ ކުރީކޮޅުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، ކޯނެލިއަސްގެ ބޯޅައިން އަސައްކޮ ފޮނުވާލި ހަމަލާ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައީ އޭނާގެ ފަޔާ ބޯޅަ ރަނގަޅަށް ލައްވާނުލުމުންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. މާޒިޔާގެ ދެވަނަ ގޯލްވެސް ކޯނެލިއަސް ކާމިޔާބުކޮށްދިން އިރު، އޭނާ އެ ގޯލް ކާމިޔާބުކޮށްދިނީ ގްރީންގެ ކީޕަރު ސާގީ ނައްޓާލުމަށްފަހު ފަސޭހަކަމާއެކު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ލީޑު ނެގުމަށްފަހުވެސް މެޗުގައި ކޯނެލިއަސްއަށް ވަނީ ހެޓްރިކް ފުރިހަމަ ކުރާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ލިބިފައެވެ. އެގޮތުން މެޗުގެ ފަހު މިނެޓުގައިވެސް އޭނާގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިފައެވެ. ކޯނެލިއަސްއަށް ހެޓްރިކް ކާމިޔާބުކުރުމަށް ލިބުނު ތިން ފުރުސަތުގެ ތެރެއިން ދެ ފުރުސަތެއްގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު ސާގީއެވެ.

ގްރީންގެ ރަސަލްއަށްވެސް މެޗުގެ 71 ވަނަ މިނެޓުގައި ގޯލް ޖަހާނެ ފުރުސަތެއް ލިބިފައިވާ އިރު، އަޑުބަރޭގެ ގޯލާއެކު އެޓީމުން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައެވެ. އޭގެ ފަހުންވެސް ގްރީންގެ އަހުމަދު ރިޒުހާން (ރިޒުއްކޮ) ދުރުން ފޮނުވާލި ހަމަލާވެސް ފާހަގަކޮށްލެވިފައިވާ އިރު، ހަމަލާގެ ހުރަހަކަށްވީ މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފެވެ.

މާޒިޔާއާއި ގްރީން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗުން އެއްވަރުވެ މާޒިޔާއަށް ވަނީ ލީގު ދިފާއުކުރުމުގެ ފުރުސަތު ގެއްލިފައެވެ. އެޓީމަށް 12 މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގައި މާޒިޔާއަށް ބާކީ އޮތީ ދެ މެޗެވެ. އެއް ވަނައިގައި އޮތް ނިއުއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، އެޓީމަށް 11 މެޗުން ލިބެނީ 28 ޕޮއިންޓެވެ. ނިއުއަށް ލީގު ނެގުމަށް ޕޮއިންޓެއް ބޭނުންވާ އިރު، ނިއުގެ އިތުރުން ދެން ލީގު ނެގުމަށް ފުރުސަތު އޮތީ ތިން ވަނައިގައި އޮތް ވިކްޓަރީއަށެވެ. ވިކްޓަރީއަށްވެސް ލީގު ނެގުމަށް އޮތީ ހަނި ފުރުސަތެކެވެ.

މިރޭގެ މެޗުން ނެގި ޕޮއިންޓާއެކު ގްރީންއަށް ގަދަ ހަޔަކަށް އުންމީދު ބޮޑުވެފައިވާ އިރު، 12 މެޗުން އެޓީމަށް ލިބެނީ 14 ޕޮއިންޓެވެ.

މާލޭ ލީގުގެ މެޗެއް މާދަމާރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00 ގައި އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އެވެ.

comment ކޮމެންޓް