ޕޮލިޓެކްނިކުން ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަމުން ގެންދާ ކޯހެއް---ފޮޓޯ: ޕޮލިޓެކްނިކް

ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަ ޖޫން މަހު ފެށުމަށް ހަަމަޖައްސައިފައިވާ ގިނަ އަދަދެއްގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އަންނަ ޖޫން މަހު 18 ކޯހެއް ފެށުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އަންނަ ސެމިސްޓާ ކިޔަވުން ފެށޭނީ ޖޫން 24 ވަނަ ދުވަހު ކަމަށް ޕޮލިޓެކްނިކުން ބުންޏެވެ.

ޕޮލިޓެކްނިކުން ޖޫން މަހަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި ވެލްޑިންއާއި، އައިޓީއާ، އާކިޓެކްޗާގެ އިތުރުން އިންޖީނާއި އައިސްއަލަމާރި ހެދުމާއި އަދި އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ ގިނަ ކޯސްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހަ މަހާއި، 18 މަހާއި އަދި ދެ އަހަރު ދުވަހުގެ ކޯސްތައް ހިމެނެއެވެ.

ޕޮލިޓެކްނިކުގެ ކޯސްތައް ކުރިއަށް ގެންދާ ގަޑިތައް

  • ހެނދުނު : 08:00- 14:00
  • ހަވީރު : 16:00- 20:00

ޕޮލިޓެކްނިކުން ބުނީ އެ އިންސްޓިއިޓުން ކުރިއަށް ގެންދާ ކޯސްތައް ނިންމާ ދަރިވަރުންނަށް ވަޒީފާތައް ހޯދައިދިނުމަށް އިސްކަންދޭ ކަމަށެވެ.

ޕޮލިޓެކްނިކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު 14:00 އެވެ. އެ ކޯސްތަކަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭ ފޯމްތައް ޕޮލިޓެކްނިކްގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބޭނެ ކަމަށް އެ އިންސްޓްއިޓުން ބުންޏެވެ.

comment ކޮމެންޓް